ރެފިއުޖީން

ރެފިއުޖީން ތޮއްޖެހި އުރުދުން ބަންޑުންވަނީ!

އުރުދުންގެ ރަސްގެފާނު އަބްދުﷲ ދާދި ފަހުން ވަނީ އެ ގައުމަށް ދިމާވެފައިވާ ރެފިއުޖީ "ކްރައިސިސް" އާ ބެހޭގޮތުން ދިގުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ރަސްގެފާނު ވާހަކަފުޅު ދައްކަވާފައިވަނީ ސީރިޔާއަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިލާ ހައްލެއް ހޯދުމުގެ ބޭނުމުގައި ބާއްވާ "ޑޯނާ ކޮންފެރެންސް" ވަރަށް ކައިރިވެފަ އޮއްވައެވެ. އެ ކޮންފަރެންސަށް ރަސްގެފާނު ވަޑައިގަންނަވާނީ ވެސް އެ ވާހަކަތަކާއެކު އެވެ.

އަބްދުﷲ ރަސްގެފާނު، ބީބީސީއަށް ވާހަކަފުޅު ދެއްކެވި އިރު އުރުދުންއަށް ރެފިއުޖީއިން ވަންނަ އަދަދު ގިނަވުމުގެ ސަބަބުން އެ ގައުމުގެ އިގްތިސޯދާއި އިޖްތިމާއީ ޚިދުމަތްތައް ފޯރުކޮށްދޭ ސެކްޓަރާއި، އިންފްރާސްޓްރަކްޗަރަށް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެ ބުރޫ އަރާފަ އެވެ.

އަބްދުﷲ ރަސްގެފާނު ވިދާޅުވި ގޮތުގައި އުރުދުން އިން އިތުރަށް ރެފިއުޖީއިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ ބައިނަލްއަގްވާމީ ދުނިޔޭގެ އިތުރު އެހީ ބޭނުންވެ އެވެ. އިތުރު އެހީއާ ނުލައި ރެފިއުޖީއިންގެ ބުރަ އުރުދުން ނަގައިފިނަމަ ވަރަށް އަވަހަށް އެ ގައުމަށް ކެތްނުވާ ހިސާބަށްކޮށް "ނިޒާމް ފަޅައިގެން ހިނގައިދާނެ" ކަމަށް ވެސް އަބްދުﷲ ރަސްގެފާނު ވަނީ ސިފަ ކުރައްވާފަ އެވެ.

އުރުދުން އަކީ ކުރިންސުރެ ރެފިއުޖީއިންނަށް ދޮރު ހުޅުވާލި ގައުމެކެވެ. އެ ގައުމުން ރައްކާތެރިކަން ހޯދި ރެފިއުޖީއިންގެ ތެރޭގައި ވަރަށް ކުރިންސުރެ ހިޖުރަކުރި ފަލަސްތީނާއި އިރާގާއި ސީރިއާގެ ރައްޔިތުން ހިމެނެ އެވެ. ނަމަވެސް ފުރި ބަންޑުންވެ، "ދެން ނުވާނެއޭ" ބުނާ ވަރަށް އުރުދުންގައި ރެފިއުޖީންގެ މައްސަލަ ވަނީ ގޯސްވެފައެވެ.

ރެފިއުޖީން ތޮއްޖެހުމުގެ ސަބަބުން އުރުދުންގެ މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި ވަޒީފާތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެހެންވެ އަބްދުﷲ ރަސްގެފާނުގެ އަމާޒަކީ އިނގިރޭސިވިލާތަށް ވަޑައިގެން މި މައްސަލަ ދުނިޔޭގެ އިސްވެރިންގެ ސަމާލު ކަމަށް ގެންގޮސް ޕްރެޝަރު ބޮޑުކުރައްވާށެވެ. ސީރިޔާގެ ހާލުގަ ޖެހިފަ ތިބި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީ އޭގެ ޒިންމާ އެހެން ވެރިންވެސް ނަގަންޖެހޭނެ ކަމަށް ރަސްގެފާނު ދެކެ ވަޑައިގަންނަވަ އެވެ.

އަބްދުﷲ ރަސްގެފާނު ވިދާޅުވީ އުރުދުން އިން ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން ވަޒީފާ އުފައްދައިދީ ބޭސްފަރުވާއާއި ތަޢުލީމުގެ ފުރުސަތުތަށް ފޯރު ކޮށްދޭނަމަ ޔޫރަޕްގެ ލީޑަރުން އުރުދުންއަށް އެކަންކަން ކުރެވޭނެ ވަސީލަތްތަތް ފޯަރުކޮށްދިނުން މުހިންމު ކަމަށެވެ.

"އެހާ ގިނަ ރެފިއުޖީއިން މި ގައުމުން [އުރުދުން] އިން ގަބޫލު ކުރުމުން ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަށް ފޯރުކޮށްދޭން ވަނީ ނުކުޅެދިފައި،" ރަސްގެފާނު ވިދާޅުވި އެވެ. "އަދި ވަޒީފާގެ ފުރުސަތު ރެފިއުޖީއިންނަށް ހުޅުވާލައިފިނަމަ އެއީ މި ގައުމުގެ އާއްމުން ވަރަށް ނުރުހޭނެ ކަމެއް. ސަބަބަކީ އަމިއްލަ ރައްޔިތުންނަށް ވަޒީފާގެ ދަތިކަން ކުރިމަތިވެފައި އޮއްވާ އެހެން ބަޔަކަށް ހުޅުވާލުމުން މިހާރުވެސް ބާރުބޮޑު ވެފައި އޮތް ބަލިކަށި ނިޒާމަށް އިތުރަށް ގެއްލުން ލިބޭނެތީ،"

ރެފިއުޖީންނެކޭ އެއްގޮތަށް އުރުދުންގެ ރައްޔިތުން ވެސް ތިބީ ހާލުގަ އެވެ. ސަބަބަކީ ބަޖެޓުގެ އޭގެ މައިގަނޑު ސަބަބަކީ ރެފިއުޖީންނަށް އެހީވާން ބަޖެޓްގެ 25 ޕަސެންޓް ހޭދަ ޖެހުމެވެ. އޭގެ ސަބަބުން އަބްދުﷲ ރަސްގެފާނަށް ވަނީ ޕްރެޝަރު ކުރިމަތިވެ ވަޑައިގެންފައެވެ. އަނެއްކޮޅުން މިހާރުވެސް 16،000 އަށްވުރެ ގިނަ ރެފިއުޖީއިން ވަނީ އުރުދުންގެ ބޯޑަރު ކައިރީގައި އެތެރެ ނުވެވި ތާށިވެފައި ތިބި އިރު އައިއެސްގެ ރެކްރޫޓަރުން ރެފިއުޖީ ކިޔޫގައި ފޮރުވިފަ ތިބެދާނެ ކަމުގެބިރުވެސް އުރުދުންއަށް ވަނީ ބޮޑުވެފަ އެވެ.

ޑޯނާސް ކޮންފެރެންސަށް އަބްދުﷲ ރަސްގެފާނު ވަޑައިގަންނަވާނީ ސީރިޔާގެ ރެފިއުޖީ މައްސަލައަށް ހައްލެއް ގެނެވިދާނެ އެޖެންޑާއަކާއެކު ހާލުގަ ޖެހިފަ ރެފިއުޖީއިންނަށް ބައިނަލްއަގްވާމީ ދުނިޔެއިން އެހީތެރިކަން ހޯދައި ޒިންމާ ނަގުވާށެވެ. ނަމަވެސް ސީރިޔާގެ ރެފިއުޖީ މައްސަލައަކީ ޖޯޑަން އެކަނި ހިނގައިގެން ހައްލުވާނެ މައްސަލައެއް ނޫނެވެ. އެކަން އަބްދުﷲ ރަސްގެފާނު ވެސް ގަބޫލުފުޅު ކުރައްވައެވެ.