ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރަށް ހަމަލާއެއް އަމާޒުކޮށްފި

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް އަމާޒުކޮށް "ސްމޯކް ބޮމެއް" ގޮއްވާލައިފި އެވެ.

އޭނާއަށް މި ހަމަލާ އަމާޒުކޮށްފައިވަނީ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ކެމްޕޭން ކުރައްވަން، ޖަޕާންގެ އަވަށެއް ކަމަށްވާ ވަކަޔާމާއަށް ވަޑައިގެން ތަގުރީރިކުރައްވަން އުޅުއްވަނިކޮށެވެ.

ސްމޯކް ބޮން ގޮއްވާލުމުން މުޅި ތަނަށް ފެތުރިގެން ދިޔަ ބާރުގަދަ އަޑުފަށްގަނޑުން ސަލާމާތްވާން މީހުންތައް ދުއްވައިގަތުމުން، އެތަނަށް އެއްވެ ތިބި މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އެހެންނަމަވެސް އޮފިޝަލުން ބުނާ ގޮތުން ބޮޑުވަޒީރަށް އެއްވެސް ހާނީއްކައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ޝައްކުކުރެވޭ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޓަނެޓްގައި ހުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޮޑުވަޒީރުގެ ތަގުރީރު އަޑުއަހަށް އެއްވެ ތިބި މީހުންނާ ދިމާއަށް އެ ސަރަހައްދުން ބޭރުން މީހަކު ހިނގާފައި އައިސް ބޮން ގޮއްވާލަނީ އެވެ. އަދި އެއާއެކު މުޅިތަން ސިހިގެންދެ އެވެ.

މަންޒަރުދުށް މީހުން ބުނާ ގޮތުން އެ މީހާ ތަންކޮޅެއް ދުރުގައި ހުރެފައި ސިލްވަރު ކުލައިގެ އެއްޗެއް އެއްލާތަން އެ މީހުންނަށް ވަނީ ފެނިފަ އެވެ. އެ މީހުން ބުނާ ގޮތުން ބޮމެއް ގޮތުގައި ގޮވީ އެމީހާ އެއްލި އެއްޗެވެ.

ބޮޑުވަޒީރު ސަލާމަތްކުރުމަށްޓަކައި ފުލުހުންގެ އޮފިސަރުން ތެޅިފޮޅިގަންނަ މަންޒަރު ވެސް ވީޑިއޯ ފުޓޭޖްތަކުން ފެނެ އެވެ. އަދި ބޮޑުވަޒީރު ވަށާލައި ދަމަމުން ކޫއްތަމުން ކަލަހަލަ ގޮތަކަށް އޭނާ ގޮވައިގެންދާ މަންޒަރު ވެސް ފެނެ އެވެ.

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވެސް އަވަހާރަކޮށްލީ މިފަދައިން ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. އެ ފަހަރު ވެސް ހަމަލާދީފައިވަނީ އެއްވެ ތިބި މީހުންގެ ތެރެއަށް މީހަކު ފާޅުވެ ބޮޑުވަޒީރަށް އަމާޒުކޮށް -- އޭނާ އަމިއްލައަށް އުފައްދާފައި އޮތް ބަޑިއަކުން ދެ އުންޑަ ފޮނުވާލައިގެންނެވެ.