ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އިންތިހާބުން އެނގުނީ ރައްޔިތުން ތިބީ ސަރުކާރާއެކު ކަން"

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބު ކުރުމާ ގުޅިގެން ހާމަވަނީ އެ ދާއިރާގެ ރައްޔިތުން ސަރުކާރާ އެކު ތިބިކަން ހާމަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޝާޒް ކާމިޔާބު ކުރެއްވީ 1،346 ވޯޓު ހޯއްދަވައިގެންނެވެ. ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަލީ އަރީފަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

ޝާޒް ހޯއްދެއްވި ކާމިޔާބީއާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ޝާޒަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަމަށެވެ.

"މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން މިއަދު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒް އަކީ ކުރިން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝާޒް އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު 68 އަށް އިތުރުވާނެ އެވެ.

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ފެށީއްސުރެ ގުރައިދޫ ދާއިރާ އަކީ އިދިިކޮޅު ޕީޕީއެމް އާއި އެ ފިކުރުގެ ގޮނޑި އެކެވެ. އެހެންވެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ.