ވިޔަފާރި

މުޅި އަހަރުވެސް އެސްޓީއޯގެ ފައިދާ މައްޗަށް

Feb 4, 2016
  • އެސްޓީއޯއަށް ފަހު ކުއާޓަރުގައި 134 މިލިއަން ރުފިޔާ ލިބުނު
  • އާމްދަނީގެ ގޮތުގައި ފަހު ކުއާޓަރުގައި 1.9 ބިލިއަން ރުފިޔާ
  • މުޅިރާއްޖޭގައި ބޭސް ފިހާރަތައް ހުޅުވި

މިދިޔަ އަހަރުގެ ހުރިހާ ކްއާޓާރެއްގައި ވެސް އެސްޓީއޯގެ ފައިދާ މަތިވަމުން ގޮސްފައިވާކަން އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި މިއަދަދު 102 މިލިއަން ރުފިޔާއަށް އިތުރުވިއިރު، ތިންވަނަ ކުއާޓަރުގައި މި އަދަދު ވަނީ 71 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ ވަރަށް ބޮޑުތަން މަތިވެ، 134 މިލިއަން ރުފިޔާއަށް އުފުލިގެން ދިޔަ އެވެ. މި ބަދަލަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 62.3 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ކުންފުނީގެ އާމްދަނީވެސް ވަނީ ވަރަށް ބޮޑުތަން މަތިވެފަ އެވެ. ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ދެވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި މި އަދަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ނަމަވެސް ފަހު ކުއާޓަރުގައި އަނެއްކާވެސް އާމްދަނީ ވަނީ 1.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރާ އެސްޓީއޯއިން މިދިޔަ އަހަރުވެސް ވަނީ ގިނަ މަޝްރޫއުތަކެއް ހިންގާފަ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ހެދުމެވެ.