އަބަދުވެސް އިވޭ އަޑަކީ ފުޓްބޯޅަ އަކީ އިނގިރޭސިންގެ އުފެއްދުމެއް ކަމަށެވެ. އެމީހުން ދުނިޔެ އަށް ތައާރަފުކުރި ކުޅިވަރެއް ކަމަށެވެ. އިނގިރޭސީން މީގެ 20 އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރިއިރު އޭގެ ރަސްމީ ލަވައަކަށް ބޭނުންކުރި ލަވައިގައި ވެސް ކިޔައިދީފައިވާ ވާހަކަ އަކީ އެއީ އެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ފުޓްބޯޅަ އުފެއްދީ ނުވަތަ މި ކުޅިވަރު ދުނިޔެ އަށް ތައާރަފްކޮށްދިން ބަޔަކީ އިނގިރޭސިން ކަމަށް އެމީހުން ބުނާ ގޮތަށް މި ޝަރަފް ލިބިގަތުމުގެ ފުރުސަތު ޗައިނާ އަށް ވެސް އެބައޮތެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިނގިރޭސި ވިލާތަށް ކުރެއްވި ޒިޔާރަތެއްގައި އިނގިރޭސިން ވަނީ ފުޓްބޯޅައިގެ އަސްލު ޗައިނާއާ ގުޅިފައި އޮތް މިންވަރަށް އަލިއަޅުވައިފަ އެވެ.
"މި ޒަމާނީ ފުޓްބޯޅައިގެ އުފަން ބިމަކީ އިންގްލެންޑް ކަމުގައިވިޔަސް އަޅުގަނޑުމެން އަބަދުވެސް ގަބޫލުކޮށް ޝުކުރު އަދާކުރަން މި ކުޅިވަރުގެ އަސްލު ޗައިނާއާ ގުޅިފައި އޮތް މިންވަރަށް،" ޝީ އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އަށް އިންގްލެންޑްގެ ނެޝެނަލް ފުޓްބޯޅަ މިއުޒިއަމްގެ ޓުއާއެއް ދެއްވަމުން އެތަނުގެ ޑިރެކްޓަރު ކެވިން މޯ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވެފައި ވަނީ މިހެންނެވެ.
ޗައިނާ އަކީ ހަގީގަތުގައި ވެސް ފުޓްބޯޅައިގެ ބޮޑު ބާރެކެވެ. އެކަމަކު ދަނޑުމަތީގައެއް ނޫނެވެ. އެގައުމުގެ ރައީސް ޝީ އަކީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ސުޕަ-ފޭނެއް ވެސް މެ އެވެ.
ޗައިނާ އިން އުފެއްދި ކުޅިވަރަކަށް ފުޓްބޯޅަ ވަނީ ކިހިނެތް؟
ފުޓްބޯޅައިގެ ބެލެނިވެރިކަމަށް އިންގްލެންޑުން ދައުވާކުރި ނަމަވެސް ފަހުގެ ތާރީޚެއްގައި އިނގިރޭސިންނަށް ފުޓްބޯޅައިގެ ސްޓޭޖު ލިބިފައެއް ނެތެވެ. އިންގްލެންޑުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތަށް ފަހު އެ ފޯރިއެއް ނުވަަތަ ފުޓްބޯޅައިގެ މަތީ ފަންތީގެ އެ ފޯރި އެގައުމަށް އެނބުރިގޮސްފައެއް ވެސް ނުވެ އެވެ.
މި ހިތްދަތިކަމުން އަރައިގަތުމަށް އެމީހުން ދައްކާ ވާހަކައަކަށް އަބަދުވެސް މިހާރު ވެފައި އޮންނަނީ މިއަދު މުޅި ދުނިޔޭގައި ވެސް އެންމެ މަގްބޫލު ކުޅިވަރަކީ އެމީހުން އުފެއްދި ކުޅިވަރެއް ކަމަށް ބުނާ ވާހަކަ އެވެ.
އިނގިރޭސިންގެ ފުޓްބޯޅައިގެ ތާރީޚަށް ބަލާއިރު ޝެފީލްޑް އެފްސީ އަކީ އަދިވެސް ފުޓްބޯޅައިގެ ދުނިޔޭގައި އޮތް އެންމެ މުސްކުޅި ކްލަބެވެ. ފުޓްބޯޅައިގެ ދަނޑުން މިއަދު މި ފެންނަ ގަވާއިދުތަކުގެ އަސްލު ވެސް ފެށިގެން އަންނަނީ އެ ކްލަބުގެ ތެރެއިންނެވެ. ފުޓްބޯޅަ ކުޅޭނެ ގަވާއިދުތަކެއް އެންމެ ފުރަތަމަ ތައާރަފްކުރި ބަޔަކީ އެމީހުންނެވެ.
އޭރު ކުޅުމުގެ ތެރެއިން ބޯޅައިގައި އަތް ވެސް ލެވެ އެވެ. މިއަދު ފުޓްބޯޅަ މި ކުޅޭ ގަވާއިދުގެ ތެރެއަށް ގެންދިޔައީ 1860 ގެ އަހަރުތަކުގަ އެވެ. ބޯޅަ ހިފައިގެން ދާ މީހާގައި ހިފައި އޮޅުލައިގަނެ އޭނާ ވައްޓާލުން ފަދަ ކަންކަން ދަނޑުމަތީގައި ކުށަކަށް ބަދަލުވެ ޓީމެއްގައި 11 ކުޅުންތެރިން ދަނޑުމަތީގައި ތިބޭ ގަވާއިދާއި ޕެނަލްޓީ އާއި ކޯނަރާއި 90 މިނެޓް ވެސް އައީ އެހިސާބުގަނޑުގަ އެވެ.
މި ހުރިހާ ވާހަކައެއް އިނގިރޭސިންގެ ފުޓްބޯޅައިގެ ޑައިރީގައި އޮތަސް ހަގީގަތަކީ ޗައިނާގައި ފުޓްބޯޅަ ކުޅޭތާ 2،000 އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމެވެ. ޗައިނާގައި އެއީ ސޫޖޫ އެވެ. މި ޒަމާނުގެ ޗައިނާގައި ނަމަ ޒުކިއޫ އެވެ. ފާހަގަކޮށްލަން ޖެހެނީ ޒުކިއޫ އަކީ ފުޓްބޯޅަ އަށް އަދިވެސް ޗައިނާގައި ބޭނުންކުރާ ބަސް ކަމެވެ.
އެކަމަކު ސީދާ މިހާރު މި ފެންނަ ފުޓްބޯޅަ ކުޅުމުގެ ބަދަލުގައި އެމީހުން ކުޅެއުޅުނީ "ކިކްބޯލް" އެވެ. ބޯޅަ ވައްޓާނުލައި ވައިގެ ތެރޭގައި އެންމެ ގިނައިރު ގެންގުޅެވޭ މީހާ ބެލުމުގެ ކުޅިވަރެކެވެ. އަދި ޓީމުގެ ތަކުގެ މެދުގައި ވެސް ހަމަ މިފަދަ އުސޫލެއްގެ ދަށުން ބޯޅަކުޅެ ގޯލަށް ބޯޅަ ޖަހައިގެން މެޗުތަކުން މޮޅުވެވޭ ފަދަ ގޮތަކަށް ވެސް ޗައިނާގައި ކުރިން ބޯޅަކުޅެފައިވެ އެވެ.
މިހެން ކަން ހިނގައިފައި އޮތުމުން ޒަމާނީ ފުޓްބޯޅައިގެ އަސްލަކީ ޗައިނާގައި ކުޅެއުޅުނު ކިކްބޯލްއޭ ބުނެވިދާނެ އެވެ. ތަޖުރިބާކާރުން ވެސް މިގޮތަށް އެއްބަސްވެ އެވެ. ކިކްބޯލްގައި ގޯލަށް ބޯޅަ ޖަހައިގެ ލަނޑުޖެހުން އޮންނައިރު ޓީމުތައް ބެހުމާއި ޓީމުތަކުގައި މެނޭޖަރުން ގެންގުޅުމާއި ޓްރެއިނަރުން ގެންގުޅުމާއި ކެޕްޓަނުން ތިބުމާއި، ދެން މިހެން ގޮސް މިއަދުގެ ފުޓްބޯޅައިގެ ދަނޑުން އަދި ޓީމުތަކުން ފެންނަ ގިނަ ހުރިހާ ސިފަތަކެއް ޖެހިފައިވެ އެވެ.
ގޯލުގެ އުސްމިނުގައި 10 މީޓަރު ހުރެ އެވެ. ގޯލުގެ ދާގަނޑުގައި ހުންނަން ޖެހެނީ ވަކި ކުލަތަކެކެވެ. ޓީމުތަކުން ލާން ޖެހެނީ ކުޅުންތެރިން ފާހަގަކުރަން އެނގޭ ކަހަލަ ޖޯޒީތަކެކެވެ. ޓީމުގެ ކެޕްޓަންވަކިކުރަން ބޮލުގައި އަޅަފައި އޮންނަނީ ތޮއްޕެކެވެ.
އެންމެ ގިނަ ގޯލު ޖަހާ ޓީމަކީ މެޗުން މޮޅުވާ ޓީމެވެ.
ޗައިނާގެ އޭރުގެ މަޝްހޫރު ކިކްބޯލް ކުޅުންތެރިންނަކީ މިއަދު މި ފެންނަ މެސީ އާއި ރޮނާލްޑޯމެން ފަދައިން އެމީހުންގެ ހުނަރުގެ އަގު މަތިވެގެން މަހުޖަނުންނަށް ވެސް ބަދަލުވި މީހުންކަން ފާހަގަކޮށްލެވެ އެވެ.
މިހުރިހާ ސަބަބުތަކަށް ބަލާއިރު މިއަދުގެ ފުޓްބޯޅައިގެ އަސްލު ގުޅިފައިވަނީ ޗައިނާއާއޭ ދެންނެވުމަކީ ގޯހަކަށް ވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.