ނ. މަނަދޫ، ނައީމާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ހަރަކާތްތެރިވާ ފުލުހުންނަށް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެންނެވެ.
ހަމީދު ވިދާޅުވީ ނައީމާގެ މަރުގެ ފަހަތުގައިވާ މީހަކު ހޯދުމަށް ހަރަކާތްތެރިވާ ފުލުހުންގެ އިންވެސްޓިގޭޓަރުން، ފްރޮންސިކް އޮފިސަރުން އަދި މަނަދޫ ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންގެ މަސައްކަތާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަނީ ގަސްދުގައި ބަޔަކު ނައީމާ މަރާލި ކަމަށް ބަލައިގެންނެވެ.
މަނަދޫގައި މިމަހުގެ ހަތްވަނަ ދުވަހު މަރީނާ އެކަނި ދިރިއުޅޭ ގޭގައި މަރާލާފައި އޮއްވާ ފެނުނު ނަމަވެސް މިއަދާ ހަމައަށްވެސް މަރުގެ ތުހުމަތުގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
ނައީމާގެ މަރާ ގުޅިގެން ނައީމާގެ އާއިލާގެ ބައެއް މީހުންނާއި ނައީމާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ ބައެއް މީހުންގެ އިތުރުން އިތުރު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި އިނގިލީގެ ނިޝާން ފުލުހުން މިހާރު ވަނީ ނަގަން ފަށާފަ އެވެ.
ނައީމާގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ ނައީމާ ދިރިއުޅޭ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފަ އެވެ. މީގެއިތުރުން މަނަދޫގެ ބައެއް ސަރަހައްދުތައްވެސް ބަލައި ފާސްކޮށްފައިވެ އެވެ.
ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ނައީމާ ވަޅުލީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.
ފުލުހުން ބުނީ ނައީމާގެ ހަށިގަނޑުން ފުލުހުން ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.