ނައީމާގެ މަރު

ސީޕީ ހަމީދު މަނަދޫގައި، ނައީމާގެ ގާތިލް ހޯދާނެކަމުގެ ޔަގީންކަން ދެއްވި

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަނަދޫއަށް ވަޑައިގެންފި އެވެ.

ސީޕީ ހަމީދު އަރިހުގައި މިއަދު ހެނދުނު ވަޑައިގެންނެވި ފުލުހުންގެ ބޭފުޅުންގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ހިމެނެ އެވެ. ސީޕީގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މަނަދޫ އިން ފުރާވަޑައިގަންނަވާނެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް ވިދާޅުވީ ސީޕީ ހަމީދު މަނަދޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރަށުގެ ރައްޔިތުންނާ ވެސް ކައުންސިލާ ވެސް ބައްދަލުކުރެއްވި ކަމަށެވެ. އަދި ނައީމާގެ ގާތިލް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވި ކަމުގައި ވިދާޅުވި އެވެ.

"އެކަމަކު ނައީމާގެ މަރާ ގުޅިގެން މީގެކުރިން ހިއްސާކުރި މައުލޫމާތުގެ އިތުރަށް ވަކި އާ އެއްވެސް މައުލޫމާތެއް މިއަދުވެސް ނުދެއްވާ. އެއީ އަޅުގަނޑާއި ކައުންސިލްގެ ކަންބޮޑުވުމެއް،" ސަބީހް ވިދާޅުވި އެވެ.


އޭނާ އިތުރަށް ވިދާޅުވީ ނައީމާގެ އާއިލާގެ ބައެއް ބޭފުޅުންނާ ވެސް ސީޕީ ހަމީދު ބައްދަލުކުރައްވާ އެ އާއިލާއަށް ހިތްވަރު ދެއްވި ކަމަށެވެ.

ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.

ނައީމާގެ ގާތިލް ހޯދުމުގައި ފުލުހުންނަށް އަދި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މަނަދޫއަށް ގޮސް އެރަށުގައި ދިރިއުޅޭ އެތައް ބައެއްގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ސާމްޕަލް ގެންދަނީ ނަގަމުންނެވެ.