މޯލްޑިވިއަން

މޯލްޑިވިއަންގެ ޓިކެޓް ދުރާލައި ނެގުމުން ޑިސްކައުންޓް ދެނީ

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ދޫރާލައި ޓިކެޓް ނެގުމުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނާ އެކު ކުރިއަށް އޮތް ހަމަސް ދުވަހަށް ދުރާލައި ޓިކެޓް ނެގޭނެ އެވެ. ކުރިން އެންމެ އަވަހަށް ނުވަތަ ދުރާލައި ޓިކެޓް ނެގެނީ ގިނަވެގެން ތިންމަސް ދުވަހަށެވެ.

މޯލްޑިވިއަން އިން ބުނީ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ ދަށުން މި ހަފްތާ އިން ފެށިގެން ދުރާލައި ޓިކެޓް ނެގޭނެ ކަމަށާއި އެގޮތަށް ނަގާ ޓިކެޓް ތަކަށް 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޑިސްކައުންޓް ލިބޭ ޓިކެޓް ނެގޭނީ މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށެވެ. މިގޮތަށް ނަގާ ޓިކެޓްތަކުގައި ދަތުރުކުރެވޭނީ ކުރިއަށް އޮތް މެއި އެއްވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވިއަންގެ ކޮންމެ ފްލައިޓެއްގައި 5-10 ޕަސެންޓް ޝީޓް ޑިސްކައުންޓް ޓިކެޓްތަކަށް ހާއްސަކުރަން ނިންމާފައިވާއިރު މިފަދަ ޕްރޮމޯޝަނެއް ފެށީ ދުރާލައި ޓިކެޓް ނެގުމަށް ކަސްޓަމަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވިއަން އިން ބުނެ އެވެ.

މޯލްޑިވިއަން އިން ދޫރާލައި ޓިކެޓް ނެގުމުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފައި މިވަނީ މިދިޔަ މަހު އެ އެއާލައިންގެ ޓިކެޓް އަގު ބޮޑުކުރުމަށްފަހު އެވެ. އެގޮތުން މޯލްޑިވިއަން އިން ދަތުުރުކުރާ މަންޒިލްތަކުގެ ތެރެއިން ކާޑެއްދޫ ފިޔަވައި އެހެން މަންޒިލްތަކުގެ ޓިކެޓްތަކުން 70 ރުފިޔާ ވަނީ ބޮޑުކޮށްފަ އެވެ. ކާޑެއްދޫ ޓިކެޓުން 180 ރުފިޔާ ވަނީ ބޮޑުކޮށްފަ އެވެ.