ލައިފްސްޓައިލް

ޓްރެޑްމިލްއެއްގައި ދުވުމާއި ބޭރަށް ނުކުމެ ދުވުމުގެ ތަފާތު

މިއީ ދުވަން ނުކުމެ އުޅޭ މީހުންގެ މެދުގައި އޮންނަ ފޯރިގަދަ ބަހުސެކެވެ. ބޭރަށް ނުކުމެ ނުވަތަ ގޭގައި އިންނަ ޓްރެޑްމިލް ދޫކޮށް އެއޮތް ޓްރެކަށް ނުވަތަ އަނެއް ތަނެއްގައި އޮތް ހުސްބިމަކަށް ގޮސް ދުވާ މީހުން ބުނަނީ ޓްރެޑްމިލް އަށް އަރައި ދުވަނީ ހިސާބަށްވުރެ ކަންނެތް މީހުން ކަމަށެވެ.

ދުވުމަކީ ނިކަން ވެސް ރަނގަޅު ކަސްރަތެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ގަވާއިދުން ކުރެވިދާނެ ނިކަން ފައިދާބޮޑު ކަސްރަތެއްވެސް މެ އެވެ. އެކަމަކު ސުވާލަކީ އެންމެ ރަނގަޅު ގޮތަކީ ޓްރެޑްމިލް އަށް ގަނެލައިގެން އޭތި ގޭގައި ބަހައްޓައިގެން ނުވަތަ ޖިމަކަށް ގޮސް ވެސް ޓްރެޑްމިލްއަކަށް އަރައި ދުވުންތޯ އެވެ؟ ނުވަތަ ގެއިން ބޭރަށް ނުކުމެ ގަދަ ވަޔާއި ވާރެ އާއި ރަތްދަގަ އަވީގައި ދުވުންތޯ އެވެ؟

ހަކަތައިގެ ރޭހެއް

އެންމެ ފުރަތަމަ ވެސް ވިސްނާލަން ޖެހޭ ކަމަކީ، ދުވަން ބަލާއިރު ތިމާގެ ހަށިގަނޑަށް ނުވަތަ ސިއްހަތަށް އެންމެ ފައިދާކުރާނީ ކޮން ގޮތަކަށް ދުވެގެންތޯ އެވެ. ބޭރަށް ނުކުމެ އަތްވާއި ވާރެ އާއި ގަދަވަޔާ ދެކޮޅަށް ދުވާ މީހުން ބުނަނީ އެއީ ޓްރެޑްމިލް އަކަށް އަރައި ދުވުމަށް ވުރެ ބޮޑު ތަޖުރިބާއެއް ކަމަށާއި ހަގީގީ ހަކަތައިގެ ޓެސްޓަކީ ވެސް އެއީ ކަމަށެވެ.

އެ ހަގީގަތުގެ އެންމެ ބޮޑު ސިއްރަކީ ވިންޑް ރެސިސްޓެންސް އެވެ. ޖިމް ރެޓަކަށް ވެގެން އުޅޭ މީހާގެ ގައިގައި އެގޮތަށް ބައްދައިގަނެގެން އޮންނަ ރޯޅިއެއް ނެތެވެ. އެކަމަކު ވެސް ޖިމަށް ގޮސް އުޅޭ މީހުން ބުނަނީ އައުޓް ޑޯގައި ދުވާ މީހުން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން ހަކަތައިގެ ރޭހުގައި ކުރި ލިބެނީ އައުޓް ޑޯގައި ދުވަން ދާ މީހުންނަށެވެ.

ޓްރެޑްމިލްގައި ހަގީގީ ދުވެލި އޮޅޭގޮތްވޭ

މިއީ ތަޖުރިބާކާރުން ދިރާސާތަކުން އެނގިފައިވާ ކަމެކެވެ. ސިންގަޕޫރުގެ ތަޖުރިބާކާރުން ޓީމަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން އައުޓް ޑޯގައި ދުވާ މީހާ ޓްރެޑްމިލްއަކަށް އަރައި ކުރީގެ ސްޕީޑްގައި ދުވަން މަސައްކަތްކުރިޔަސް އެކަން ކާމިޔާބެއް ނުވެ އެވެ. ނަމަވެސް ޓްރެޑްމިލްގައި ދުވާ މީހާއަށް އެ އިހްސާސެއް ވެސް ނުކުރެވެ އެވެ.

ޓްރެޑްމިލްގައި ދުވާ މީހާގެ ނަޒަރުގައި އޭނާ ކިތަންމެ ބާރަށް ދުވި ކަމުގައި ވިޔަސް ހަގީގީ ސްޕީޑް ދިމަލެއް ނުވެ އެވެ. އައުޓްޑޯތަނެއްގައި ދުވާ ސްޕީޑް ޓްރެޑްމިލްއެއްގައި ތަކުރާރުކުރުމަށް ދިރާސާގެ ބައިވެރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެމީހުން އައުޓްޑޯގައި ދުވި ސްޕީޑް ޓްރެޑްމިލްގައި ނުނެގޭ ކަމަށް ދިރާސާ އިން އެނގުނަސް ޓްރެޑްމިލްގައި ދުވާއިރު ދުވާ މީހާ އަށް ހީވަނީ އޭނާ އައުޓްޑޯގައި ދުވި ސްޕީޑް ހިފެހެއްޓޭ ކަމަށެވެ.

އެންމެ ރައްކާތެރި ގޮތަކީ ކޮބާ؟

ޓްރެޑްމިލް އަށް ދުވަން އަރައިގެން އުޅެނިކޮށް ވެއްޓި ދަތްދޮޅިއާއި ހަތަރެސް ފައިން ހަން ނޮޅައިގެން ގޮސްފައި ނެތް މީހަކު މަދުވާނެއޭ ބުންޏަސް ރަނގަޅުވާނެ އެވެ. ވަކިން ހާއްސަކޮށް އަލަށް އޭގެ އެއްޗަކަށް އަރައިގެން ކުރެވޭ ތަޖުރިބާ އަކީ ވަރަށް ވޭންގަދަ ތަޖުރިބާއެއް ކަމަށް ވެއްޓުނު އެންމެން ވެސް އެއްބަސްވެ އެވެ.

ޓްރެޑްމިލްގައި ދުވުމުގެ އަނެއް ނެގެޓިވް އިމްޕެކްޓަކީ އެއް ތަނެއްގައި އެއް ހަރަކާތެއްކުރުމުގައި އެހާ ގިނަ ވަގުތު ހޭދަވުމެވެ. އަބަދު އެއްގޮތަކަށް ފިޔަވަޅު އެޅުމުގެ ސަބަބުންނާއި އެ ފިޔަވަޅު އަޅަން ޖެހޭ ބާރުމިނާއި ސްޕީޑްގެ ގޮތުން ހުޅުތަކަށާއި ލިގަމެންޓަށް އަނިޔާވުމުގެ ފުރުސަތު ބޮޑެވެ.

އެހެންވީމަ ޓްރެޑްމިލްއެއްގައި ދުވާއިރު އޭގެ ސްޕީޓް އެކި ފެންވަރުގައި ހިފެހެއްޓުމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެހެން ފައިދާއެއް!

އިންޑޯގައި، ޓްރެޑްމިލް އަކަށް އަރައި ދުވުމަށް ވުރެ ބޭރަށް ނުކުމެ ދުވުމުގެ އަނެއް މުހިންމު ފައިދާއަކީ ވިޓަމިން ޑީ އެވެ. ދުވާލުގެ ވަގުތުގައި ބޭރަށް ނުކުމެ ދުވުމަކީ އިރުއައްޔަށް ތިމާ ކޮންމެވެސް ގޮތަކަށް ހުށަހެޅިގެންދާނެ ކަމެކެވެ.