ލައިފްސްޓައިލް

އަޝްރަފް ހަކީމީ ވަރިކުރި މީހާއަށް އޭނާގެ މުދަލުން ލޯ ލާރިވެސް ނުލިބުނު!

މޮރޮކޯ ނެޝަނަލް ޓީމުގައި ހިމެނޭ އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ވެސް ކުޅޭ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ ވާހަކަ މިހާރަކަށް އައިސް ދެކެވެނީ އޭނާގެ ޒާތީ މައްސަލައަކާ ގުޅިގެންނެވެ. ހަކީމީގެ އަންހެނުން އޭނާ ކައިރިން ވަރިވެ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދަން އުޅުމުން ލިބުނު ލަނޑުގެ ވާހަކަ އެވެ.

އަޝްރަފް ހަކީމީ އަކީ ދުނިޔޭގެ އެންމެ މުއްސަނދި ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާގެ އަތުގައި ވަރަށް ގިނަ އަދަދެއްގެ މުދަލާއި ފައިސާ ހުންނާނެކަން އޭނާ ދަންނަ ކޮންމެ މީހަކަށް ވެސް ޔަގީން ވާނެ އެވެ. ނަމަވެސް ހަކީމީގެ އަންހެނުން އޭނާ ކައިރިން ވަރިވެ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދަން ކޯޓަށް ދިއުމުން އޭނާއަށް ވަރަށް ބޮޑު ޝޮކެއް ވަނީ ލިބިފަ އެވެ. ހަކީމީގެ ނަމުގައި އެއްވެސް އެއްޗެއް ނެތީމަ އެވެ.

ހަކީމީ އާއި އޭނާގެ ކުރީގެ އަނބިމީހާ ފުރަތަމަ ބައްދަލުވެ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2018 ވަނަ އަހަރު އެވެ. އޭރު ހަކީމީގެ އުމުރުން 19 އަހަރެވެ. އޭނާގެ ކުރީގެ އަނބިމީހާ ހިބާ އަބޫކްގެ އުމުރުން 31 އަހަރެވެ. ދެ މީހުން ކައިވެނިކޮށްގެން ވަރަށް ލޯބިން ފަސް ވަރަކަށް އަހަރު އުޅެފައި ވެއެވެ. އަދި އެހިސާބުން މައްސަލަ ޖެހި ހަކީމީ ކައިރިން ވަރިވާން ހިބާ ކޯޓަށް ދިޔަ އެވެ. ހިބާ ހީކުރީ ހަކީމީގެ 70 މިލިއަން ޔޫރޯގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ވަރިއާއެކު އޭނާއަށް ލިބޭނެ ކަމަށެވެ.

ނަމަވެސް ދެ މީހުންގެ ވަރީގެ ކަންތައް ނިމުނުއިރު ހިބާ އަށް ލިބުނީ ޝޮކެކެވެ. ހަކީމީގެ ފަރާތުން އޭނާއަށް އެއްވެސް މުދަލެއް ފައިސާއެއް ލިބޭނެ ގޮތް ނުވުމުންނެވެ. ސަބަބަކީ ހަކީމީގެ ނަމުގައި އެއްވެސް ފައިސާއެއް މުދަލެއް ނެތުމެވެ.

ހަކީމީގެ ކުރީގެ އަނބިމީހާ ހިބާ އަށް ކޯޓުން އެންގި ގޮތުގައި ހަކީމީގެ ނަމުގައި އެއްވެސް މުދަލެއް ފައިސާއެއް ނެތެވެ. ފުޓުބޯޅަ ތަރީގެ ހުރިނަމަ ހުރި މުދަލަކާއި ފައިސާއެއް ހުރީ އޭނާގެ މަންމަގެ ނަމުގަ އެވެ.

ޕީއެސްޖީއަށް ކުޅޭ ކުޅުންތެރިޔާ އަށް މަހަކު އެއް މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި އެ ކްލަބުން ލިބެ އެވެ. ނަމަވެސް އޭގެ ތެރެއިން 80 ޕަސެންޓް ޑިޕޮސިޓް ކުރަނީ އޭނާގެ މަންމަ ފާތިމާގެ އެކައުންޓަށެވެ. އެހެންކަމުން 24 އަހަރުގެ ހަކީމީގެ އަތުގައި އެއްވެސް އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ އަތުގައި ހުރި ކާރުތަކާއި ގެތައް އަދި ގަހަނާ އާއި އޭނާގެ އަންނައުނުތަކަށް ދަންދެން ހުރީ އޭނާގެ މަންމަގެ ނަމުގަ އެވެ.

ހަކީމީ މާ ކުރިއްސުރެ ވެސް އޮތީ އޭނާގެ މަންމަގެ ނަމަށް ހުރިހާ އެއްޗެއް ބަދަލުކޮށްފަ އެވެ. އަދި އޭނާއަށް ލިބޭ މުސާރައިގެ ވެސް 80 ޕަސެންޓް މަންމަގެ އެކައުންޓަށް ދާގޮތް ހަދާފަ އެވެ. ހަކީމީ އަގުބޮޑު އެއްޗެއް ގަންނަން ބޭނުންވެއްޖެނަމަ އޭނާގެ މަންމައަށް އެންގުމުން އެ އެއްޗެއް ގަނެދެނީ މަންމަ އެވެ. އަދި އެ އެއްޗެއް ރަޖިސްޓްރީ ކުރަނީ ވެސް މަންމަގެ ނަމުގަ އެވެ. އެހެންކަމުން ހަކީމީގެ ނަމުގައި ގަނެފައިވާ އެއްވެސް މުދަލެއް ވެސް ނެތީ އެވެ.

ހަކީމީގެ ނަމުގައި އެއްވެސް މުދަލެއް ނެތްކަން އެނގުމުން އޭނާގެ ކުރީގެ އަނބިމީހާ ހިބާ އަބޫކް އަށް ލިބުނީ ބޮޑު ޝޮކެކެވެ.

ހަކީމީ ކައިރިން ވަރިވާން ހިބާ ކޯޓަށް ދިޔައީ އެމީހުން ދިރިއުޅޭ ގޭގައި ހަކީމީ އެހެން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ. އެހެންކަމުން އޮންލައިންގައި މި ޚަބަރަށް ކޮމެންޓްކުރި މީހުން ބުނެފައިވަނީ ހަކީމީ އޭނާގެ ހުރިހާ މުދަލެއް މަންމަގެ ނަމުގައި ބަހެއްޓުމުގެ އަޑީގައި ފޮރުވިފައިވާ ކަންތައްގަނޑެއް އުޅޭ ކަމަށެވެ.