ކުޅިވަރު

އޮލިމްޕިކްސް ފުޓުބޯޅަ: ސްޕެއިން އަނެއްކާވެސް ފައިނަލަށް

ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅައިގެ ފިރިހެން ބައިގެ ސެމީ ފައިނަލްގައި 2-1ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް މުބާރާތުގެ ފައިނަލްގެ ޖާގައެއް ސްޕޭން ކަށަވަރުކޮށްފި އެވެ.

ރޭގެ މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އިސް ރެފްރީ އާއި ސްޕެއިން ކުޅުންތެރިޔެއް ޖެހި، ރެފްރީއަށް އަނިޔާވުމުގެ ސަބަބުން ދަނޑުން ފައިބަން ޖެހުނެވެ. މިއާއެކު މެޗުގެ ބާކީ ވަގުތުތަކުގައި ރެފްރީކަން ކުރީ ހަތަރުވަނަ އޮފިޝަލެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ސެމީގެ ފުރަތަމަ ލަނޑު ޖެހީ މޮރޮކޯއިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ މޮރޮކޯގެ ފޯވާޑް ސޮފްޔާން ރަހީމީ އެވެ.

ދެވަނަ ހާފުގައި ސްޕެއިން އަށް އެއްވަރުކޮށްދިނީ ބާސާގެ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.

އޭރިއާ ތެރެއިން ކުޅުންތެރިޔެއް ކައިރިން ނައްޓާލުމަށްފަހު އޭނާ މިލަނޑު ކާމިޔާބުކުރީ މެޗުގެ 65 ވަނަ މިނެޓުގަ އެވެ. އޭގެފަހުން ސްޕެއިން ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހި ސަންޗޭޒްއަށް އެސިސްޓްކޮށްދިނީ ވެސް ފާމިން އެވެ.

ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ސްޕެއިންގެ ޓީމުތައް ވަނީ އެންމެ ފަހުގެ ފިރިހެނުންގެ ޔޫރޯ އާއި އަންހެނުންގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ

އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓުބޯޅަ އިވެންޓްގެ ރަން މެޑަލް ހޯދުމަށް ސްޕެއިން އިން ނުކުންނާނީ ގޭމްސް ބާއްވާ ގައުމު ކަމަށްވާ ފްރާންސާ ދެކޮޅަށެވެ.