ދުނިޔެ

އޭރޯފްލޮޓްގެ މަތިންދާބޯޓުތައް އީރާންގައި މަރާމާތުކުރަން ފޮނުވައިފި

ރަޝިއާގެ ގައުމީ އެއާލައިން -- އޭރޯފްލޮޓްގެ މަތިންދާބޯޓެއް މަރާމާތުކުރުމަށްޓަކައި އީރާނަށް ފޮނުވައިފި އެވެ.

މިއީ މޮސްކޯ އާއި ތެހެރާންއާ ދެމެދު މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުމަށް ވެފައި އޮތް އެއްބަސްވުމުގެ ދަށުން ކުރެވޭ މުއާމަލާތެކެވެ.

ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އޭރޯފްލޮޓަށް ވެސް ވަނީ ފޯރާފަ އެވެ.

މަތިންދާބޯޓުތައް މަރާމާތުކުރަން ބޭނުންވާ ބައިތައް ފަދަ މުހިއްމު ހާޑްވެއާ ލިބުމުގައި ހުރި ދަތިތަކާ ހެދި ރަޝިއާއަށް ވަނީ ގާތް އެކުވެރިންގެ މަދަދަށް އެދެން ޖެހިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އޭރޯފްލޮޓަށް އެހީތެރިވުމުގައި އަމަލީ މަސައްކަތަކުގައި ބައިވެެރިވެފައިވަނީ އީރާންގެ މަހާން އެއާ އެވެ. މިއީ ތެހެރާންގައި އޮޕަރޭޓްކުރާ އަމިއްލަ އެއާލައިނެކެވެ.

އޭރޯފްލޮޓް ކުޑައިގެ ދަށުން އުދުއްސާ 179 މަތިންދާބޯޓުގެ ތެރޭގައި ހިމެނެނީ އެއާބަސް އޭ320 އާއި ބޮއިން 737-800 އަދި ބޮއިން 777-300އީއާރު މަތިންދާބޯޓުތަކެވެ.

އެހެން ނަމަވެސް، ހުޅަނގު ދަތިކުރުންތަކާ ހެދި އެމެރިކާގެ ބޮއިން އާއި ފްރާންސްގެ އެއާބަސްއިން ރަޝިއާއަށް އެހީތެރިވުން އޮތީ މަނާވެފަ އެވެ. އެއީ އިންޖީނަށް ބޭނުންވާ ބައިތަކާއި މުވާސަލާތީ ހާޑްވެއާގެ އިތުރުން ލަފާދިނުން ވެސް އޮންނަނީ މަނާވެފަ އެވެ.

ރަޝިއާގެ ޚަބަރުތައް ބުނާ ގޮތުން ތެހެރާންއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އިތުރު މަތިންދާބޯޓުތައް މަރާމާތަށް މޮސްކޯއިން އީރާނަށް ފޮނުވާނެ އެވެ.

އީރާން އަކީ ވެސް ހުޅަނގުން ދަތިކޮށްފައި އޮތް ގައުމެކެވެ. އެހެންކަމުން އޭރޯފްލޮޓް މަތިންދާބޯޓްތައް މަރާމާތުކުރުމުގައި ފޯރުކޮށްދެވޭނީ ކޮން އެހީތެރިކަމެއްތޯ ސުވާލުކުރުމުން އޭރޯފްލޮޓްގެ އޮފިޝަލަކު ވިދާޅުވީ މަހާން އެއާގައި އެކަށީގެންވާ ބައިތަައް ހުރި ކަމަށެެވެ. އަދި މަހާން އެއާ އަކީ ފަންނީ ގާބިލުކަން ހުރި އެއާލައިނެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާންގެ ސިވިލް އޭވިއޭޝަން އޭޖެންސީގެ ވެރިޔާ މުހައްމަދު މުހައްމަދީ ބަކްޝް ވިދާޅުވީ ރަޝިއާއާ ގުޅިގެން މަތިންދާބޯޓު އުފެއްދުމާއި އަދި މިހާރު ބޭނުންކުރުމުގައި ހުރި މަތިންދާބޯޓުތައް މަރާމާތުކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް އޮންނާނެ ކަމަށެވެ.

ބަކްޝް އަދި ވިދާޅުވީ އީރާންގެ މަތިންދާބޯޓުތަކަށް ބޭނުންވާ ހުރިހާ ބައިތަކެއް އީރާންގައި މިހާރު އުފައްދާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މޮސްކޯ އަށާއި ތެހެރާންއަށް ބޭނުންވާ ވަރަށް މަތިންދާބޯޓުގެ ބައިތައް އުފެއްދުމުގެ ގާބިލްކަން ދެ ގައުމުގައި ހުރި ކަމަށެވެ.