ދުނިޔެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އީރާނަށް އާ ރައީސެއް

އީރާންގެ ކުރީގެ ރައީސް އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ރައީސަކު ހޮވުމަށް ބޭއްވި އަވަސް އިންތިހާބު، ގާނޫނު ހަދާ މަޖިލީހުގައި ތަބްރީޒް ތަމްސީލް ކުރައްވާ މަސްއޫދު ޕަޒަސްކިޔާން ކާމިޔާބުކުރައްވައިފި އެވެ.

ޕަޒަސްކިޔާން މި އިންތިހާބު ކާމިޔާބުކުރެއްވީ 16.3 މިލިއަން ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިވަޑައިގަތީ 13.5 މިލިއަން ވޯޓެވެ.

އީރާންގެ ރައީސަކަށް ޕަޒަސްކިޔާން ހޮވިވަޑައިގަތުމާ ގުޅިގެން، އީރާނަށް ކަމޭހިތާ ގައުމުތަކުން ދަނީ އާ ރައީސަށް ތަހުނިޔާ ފޮނުވަމުންނެވެ. މިގޮތުން ޕަޒަސްކިޔާންއަށް އެންމެ ފުރަތަމަ ހެޔޮއެދުމުގެ ޝުއޫރުތައް ފޮނުވި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ރަޝިއާ ހިމެނެ އެވެ.

ސައޫދީގެ ސަލްމާން ރަސްގެފާނާއި ވަލީއަހުދު ބިން ސަލްމާން ފޮނުއްވި މެސެޖުގައި، އީރާންއާ އެކު ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ތަހުނިޔާގައި އީރާނަށް ތަރައްގީއަށް އެދިވަޑައިގެންފައިވެ އެވެ. އަދި އީރާން އެދުނު ކޮންމެ ދިމާއަކުން ގުޅުން ބަދަހިކުރެއްވުމަށް އޮތީ ދަންނަވާފަ އެވެ.

އިރާނަށް ރައީސަކު ހޮވުމަށް ޖޫން 28 ގައި ބޭއްވި އިންތިހާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެކަކަށް ވެސް 50 ޕަސަންޓް ވޯޓު ލ؛ިބިވަޑައިގެންފައެއް ނުވެ އެވެ. މިހެން ކަން ހިނގައިދިޔުމުން އިލެކްްޝަން ކޮމިޝަނުން އިންތިހާބުގައި ދެވަނަ ބުރެއް ބޭއްވީ އެވެ.

ދެވަނަ ބުރުގައި ވާދަކުރެއްވި ޕަޒަސްކިޔާންއަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 42.3 ޕަސެންޓް އެވެ. ސައީދު ޖަލީލީއަށް ލިބިވަޑައިގަތީ 10.4 ޕަސެންޓް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕަޒަސްކިޔާންގެ ޒައާމަތުގައި ދަމަހައްޓާނީ އިބްރާހީމް ރައީސީގެ ސިޔާސަތެވެ. އެހެންނަމަވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދޫދެއްވުމާއި އީރާނަށް ފައިދާ ބޮޑު ގޮތްތަކަށް ވާކާލާތު ކުރައްވާނެ އެވެ.

މަސްއޫދު ޕަޒަސްކިޔާން އަކީ އީރާންގައި އެހާ ފުންނާބު އުސް ބޭފުޅެއް ނޫނެވެ. އެކަމަކު މުހައްމަދު ހާތަމީގެ ވެރިކަމުގައި ހެލްތު މިނިސްޓަރަކީ ޕަޒަސްކިޔާން އެވެ.

ޕަޒަސްކިޔާން އަކީ ކާޑިއޮލޮޖިސްޓެއް -- ހިތުގެ ޑޮކްޓަރެކެވެ. ރަބްރީޒް ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސް ވެސް އޭނާގެ ބެއްލެވުމުގެ ދަށުން ވަނީ ހިންގާފަ އެވެ.

އީރާންގެ ރައީސްގެ މަގާމަށް ޕަޒަސްކިޔާން ވާދަކުރެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އީރާންގައި 2013 ގައި އަދި 2021 ގައި އޮތް ރިޔާސީ އިންތިހާބުގައި ވެސް އޭނާ ވާދަކުރެއްވި އެވެ.