ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާގެ ހުލާސާ ބަޔާން ހުށަހަޅައި، ހުކުމް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ދައުވާ ސާބިތުވެއްޖެނަމަ މުއިއްޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ގެންދިޔައީ މައްސަލައިގެ ހިމެނޭ ހަސްމުން ހުލާސާ ބަޔާން އިއްވުމެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވައި ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެ އެވެ.
މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު މިއަދު ވިދާޅުވީ ކުރިއަށް އޮތް ރަސްމީ 15 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
މައްސަލައިގެ ހެކިތައް
މުއިއްޒާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ފަސް ހެކިވެރިން ވަނީ ހެކިބަސް ދީފަ އެވެ. އެގޮތުން ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮތް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ސެކެޓްރިއޭޓުގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ރައީސް އޮފީހުގެ މިހާރުގެ އަންޑާ ސެކެޓަރީ މޫސާ ފަތުހީ އެވެ. ދެވެނަ ހެކިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަދި މިހާރުގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމެވެ. އޭގެފަހުން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ހަދީޖާ ފަަރީމާ އަދި ހަތަރުވަނައަށް ރައީސް އޮފީހުގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުޝާމް ވަހީދު ހެކިބަސް ދެއްވި އެެވެ. އެންމެ ފަހުން ފަސްވަނަ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދެއްވީ ހައުސިން މިިނިސްޓްރީގެ ޑިރެކްޓަރު އިބްރާހީމް ނިޒާމެވެ.
ދައުލަތުން ފަސް ހެކިވެރިއެއް ހުށަހެޅިއިރު މުއިއްޒު 11 މީހަކު ހެކީގެ ގޮތުގައި ހުށަހެޅުއްވި އެވެ. މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އާބިޓްރޭޝަނަށް ދިން ކަމަށް ބުނާ ބަޔާނުގައި ކޮށްފައިވާ ސޮޔަކީ މުއިއްޒުގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ހުށަހެޅި ތިން ހެކިން ވެސް ހިމެނެ އެވެ. ޝަރީއަތުގެ ކުރީގެ އަޑުއެހުމެއްގައި މުއިއްޒުގެ ހެކިވެރިން ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ހެކިވެރިން ބަލައިގެންފަ އެެވެ.
ދައުލަތުން މުއިއްޒުގެ ހެކިން ގަބޫލު ނުކުރަން އެދުނީ ތަހުގީގުގެ މަރުހަލާގައި މުއިއްޒު ހަނު ހުންނެވި ކަމަށް ބުނެ އެވެ. ހަނުހުރުމަކީ ހައްގެއް ކަމަށްވީ ނަމަވެސް ހަނު ހުރުމުގެ ސަބަބުން މުއިއްޒުގެ މައްޗަށް މި މައްސަލައިގައި ޝައްކު ކުރެވޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މުއިއްޒުއަށް ދައުވާކުރަނީ ކީއްވެ
ނޫމަޑިއާ އެކު ސޮއިކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލި ކަމަށް ބުނެ ދައުލަތުން ބަދަލު ހޯދުމަށް ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ދެ މައްސަލައެއް ހުށަހެޅި އެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.
އާބިޓްރޭޝަނަށް ހުށަހެޅި އެއް މައްސަލަ އަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލު ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީކުރަން މެއި 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ.
ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.