ސިވިލް ކޯޓް

މޫނު ބުރުގާ ނެގުން ހުއްޓުވަން ވަގުތީ އަމުރެއް ނުދިން

އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން ޔުނީފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލުން އެންގުމާ ގުޅިގެން އެ އެންގުން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި އެވެ.

އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު މައްސަލަ ކޯޓަށް ހުށަހެޅީ ރެހެންދި ޗޭމްބާސް ލޯފާމުންނެވެ.

މައްސަލަ ކޯޓަށް ހުށަހެޅީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާ ކަމަށް ބުނެ އެވެ.

ކޯޓުން މިމައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވަނީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށްވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.

އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފަށް ކަމަށްވީ ނަމަވެސް ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ ކަމަށްވެސް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ ނިންމުމުގައިވެ އެެވެ.

ވަގުތީ އަމުރަކަށް އެދިފައި ވަނީ ފޫނުބެއްދޭ ވަރުގެއް ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު, އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތުން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ނިންމެވުގައިވެ އެވެ.

ސްކޫލު ޔުނީފޯމު ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރަން ބެލެނިވެރިންނަށް އަންގައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެންގީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.

ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެ އެވެ.

މިނިސްޓްރީގެ އެންގުން ތަންފީޒުކުރުމުގެ ގޮތުން ސްކޫލުން ވަނީ މޫނު ބުރުގާ އަޅާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބައްދަލުކޮށް މިނިސްޓްރީގެ އެންގުން ބުނެދީފަ އެވެ. މޫނު ބުރުގާ އަޅާ މުދައްރިސުން ކުލާހުގެ ގަޑީގައި މޫނު ބުރުގާ ނޭޅުމަށްވެސް މިނިސްޓްރީން އަންގާފައިވެ އެވެ.

އަވަސްއަށް މީގެކުރިން މައުލޫމާތު ދިން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ބުނީ އިސްލާމީ ގައުމެއްގައި މޫނު ބުރުގާ ނަގަން މިނިސްޓްރީއަށް ނޭންގޭނެ ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ ބައެއް ކުދިންނަށް މަޖުބޫރުވާ ގޮތަށް ސްކޫލުން ބައެއް ޓީޗަރުން ކުދިންނާ ވާހަކަދައްކާ ކަމަށްވެސް ބައެއް ބެލެނިވެރިން ބުންޏެވެ.

އަރަބިއްޔާގެ ސްކޫލުގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ހެދުން، ސްކާޓް، ބުރުގާ އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމު ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީގެ އެހީގައި ރާއްޖޭގައި އުފައްދާ ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ކޮންމެވެސް މައްސަލައެއް އަބަދުވެސް ފެންމަތިވެފައި އޮވެ އެވެ. މިފަހުން އެންމެ ބޮޑަށް ހޫނުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވާނެ އިމާރާތެއްގެ މައްސަލަ އެވެ. މިހާރުވެސް ދަރިވަރުން ކިޔަވަނީ ވަގުތީ އިމާރާތެއްގަ އެވެ.