އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން ޔުނީފޯމާ އެކު މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅީ ރެހެންދި ޗޭމްބާސް ލޯފާމުންނެވެ.
އެ ލޯފާމުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މޫނު ބުރުގާގެ މައްސަލަ ކޯޓަށް ހުށަހެޅީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ތައުލީމުގެ ގާނޫނުނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް މޫނު ބުރުގާ ނަގަން އަންގާފައިވާތީ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ކޯޓުން މިމައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން މޫނު ބުރުގާ އަޅާ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން އެޑިޔުކޭޝަން މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފަ އެވެ.
ސްކޫލު ޔުނީފޯމު ކޯޑުގައި މޫނު ބުރުގާ ނުހިމެނޭތީ ޔުނީފޯމު ކޯޑާ އެއްގޮތަށް އަމަލުކުރަން ބެލެނިވެރިންނަށް އަންގައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަރަބިއްޔާ ސްކޫލަށް އެންގީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.
ހުރިހާ އަންހެން ދަރިވަރުން ބުރުގާ އަޅާ އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އުޅެ އެވެ.
މިނިސްޓްރީގެ އެންގުން ތަންފީޒުކުރުމުގެ ގޮތުން ސްކޫލުން ވަނީ މޫނު ބުރުގާ އަޅާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބައްދަލުކޮށް މިނިސްޓްރީގެ އެންގުން ބުނެދީފަ އެވެ. މޫނު ބުރުގާ އަޅާ މުދައްރިސުން ކުލާހުގެ ގަޑީގައި މޫނު ބުރުގާ ނޭޅުމަށްވެސް މިނިސްޓްރީން އަންގާފައިވެ އެވެ.
އަވަސްއަށް މީގެކުރިން މައުލޫމާތު ދިން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ބުނީ އިސްލާމީ ގައުމެއްގައި މޫނު ބުރުގާ ނަގަން މިނިސްޓްރީއަށް ނޭންގޭނެ ކަމަށެވެ. އަދި މޫނު ބުރުގާ އަޅާ ބައެއް ކުދިންނަށް މަޖުބޫރުވާ ގޮތަށް ސްކޫލުން ބައެއް ޓީޗަރުން ކުދިންނާ ވާހަކަދައްކާ ކަމަށްވެސް ބައެއް ބެލެނިވެރިން ބުންޏެވެ. އެހެންކަމުން މިހާރު މައްސަލައަށް ހައްލެއް ހޯދަން އޮތީ ކޯޓު މެދުވެރިކޮށް ކަމަށްވާތީ ކޯޓަށް ހުށަހަޅަން ނިންމީ ކަމަށްވެސް ބުންޏެވެ.
"އަޅުގަނޑުމެންނަށް މިނިސްޓްރީގެ އެންގުން ބަލައިނުގެނެވޭތީ ފެނުނު އެންމެ ފަހު ގޮތް އެއީ ކޯޓަށް ދިއުން،" ބެލެނިވެރިޔަކު ބުންޏެވެ.
އަރަބިއްޔާގެ ސްކޫލުގެ ޔުނީފޯމު ކޯޑުގައި އަންހެން ކުދިންނަށް ހިމެނެނީ ހެދުން، ސްކާޓް، ބުރުގާ އަދި ހަރުވާޅެވެ. ފިރިހެން ކުދިންގެ ޔުނީފޯމު ކޯޑުގައި ހިމެނެނީ ގަމީހާއި ފަޓްލޫނެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީގެ އެހީގައި ރާއްޖޭގައި އުފައްދާ ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ކޮންމެވެސް މައްސަލައެއް އަބަދުވެސް ފެންމަތިވެފައި އޮވެ އެވެ. މިފަހުން އެންމެ ބޮޑަށް ހޫނުވީ އަރަބިއްޔާގެ ދަރިވަރުން ކިޔަވާނެ އިމާރާތެއްގެ މައްސަލަ އެވެ. މިހާރުވެސް ދަރިވަރުން ކިޔަވަނީ ވަގުތީ އިމާރާތެއްގަ އެވެ.