ލައިފްސްޓައިލް

ސޯޔާ ސޯސް – ގިނައިން ކެވިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ!

ވަރަށް ގިނަ މީހުންނަށް ސޯޔާ ސޯސް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ކާނާ ވަރަށް މީރެވެ. ޗިކަން ނޫޑްލްސް ސޫޕް އާއި އެކި ގޮތްގޮތަށް ކުކުޅު ތައްޔާރުކުރާއިރުވެސް ސޯޔާ ސޯސް ބޭނުން ކުރެ އެވެ. ކާ އެއްޗެތީގެ ރަހަ މީރު ކޮށްލަން މި ނޫން ވެސް ވަރަށް ގިނަ ބާވަތްތައް ކައްކާއިރު އާއްމުކޮށް އަޅާ އެކައްޗަކީ ސޯޔާ ސޯސް އެވެ.

ނަމަވެސް ސޯޔާ ސޯސް އަކީ އެހާގިނައިން ކެއުން ރަނގަޅު އެއްޗެއް ނޫނެވެ. މި ސޯސް ކާން ޖެހޭނީ މަދު މިންވަރަކަށެވެ. މާ ގިނައިން މި ސޯސް ބޭނުން ކުރުމަކީ ސިއްހަތަށް ނުރައްކާ ވެދާނެ ކަމެކެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކެވިއްޖެނަމަ ފުރާނައަށް ނުރައްކާ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ސޯޔާ ސޯސްގައި ލޮނުގެ ބައި އެކުލެވޭލެއް ގިނަކަމުންނެވެ.

އަހަރެމެން ކާ ކެއުންތަކުގެ ރަހަ މީރު ކުރުމަށް ސޯޔާ ސޯސް ބޭނުންކުރާތާ 2000 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް ކޮންމެ މީހަކުވެސް ސޯޔާ ސޯސް އެކުލެވޭ ކާއެއްޗެތި ކާން ޖެހޭނީ މަދު މިންވަރަކަށެވެ. މާގިނައިން ސޯޔާ ސޯސް ކެވިއްޖެނަމަ އެއީ ހަށިގަނޑަށް އެތެރެވާ ވިހައަކަށް ވެދާނެއެވެ. ސަބަބަކީ އެންމެ މޭޒުމަތީ ސަމުސަލެއްގެ ސޯޔާ ސޯސްގައި 900 މިލިގްރާމް ލޮނު އެކުލެވޭތީ އެވެ. މިއީ ހަގީގަތުގައި ވަރަށް ގިނަ މިންވަރެކެވެ. ހަގީގަތަކަށް ބުނާނަމަ ބުނެވޭނީ މިއީ އިންސާނެއްގެ ހަށިގަނޑަށް ކެތް ކުރެވޭ ވަރަށް ވުރެ މާ ގިނަ ލޮނެވެ.

ސޯޔާ ސޯސް މާ ގިނައިން ކެވިގެން މީހުންގެ ފުރާނައަށް ނުރައްކާ ވެފައިވާ ބައެއް ހާދިސާތައް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައި ވެއެވެ.

އެގޮތުން 2013ގައި 19 އަހަރުގެ ޒުވާނަކު މާ ގިނައިން ޒޯޔާ ސޯސް ބުއިމުގެ ސަބަބުން ހޮސްޕިޓަލުގެ އިމަޖެންސީ އަށް ގެންދަން ޖެހި ކޯމާގައި ގިނަ ދުވަސް ތަކަކު އޮވެފައި ވެއެވެ. އޭނާއަށް ދިމާވީ ހައިޕާނެޓްރީމިއާ ކިޔާ މައްސަލަ އެކެވެ. މި ހާލަތުގައި ލެޔާއި ޓިޝޫތަކުގައި ހުރި ލޮނު ލެވެލް ބެލެންސް ކުރުމަށްޓަކައި ހަށިގަނޑުން މަސައްކަތުގެ ތެރެއިން ލޮނު މާ ގިނައިން ހުރި ޓިޝޫތަކުގައި ހުރި ދިޔަތައް ހަށިގަނޑުން ބޭރުކުރުމުގެ މަސައްކަތް ހަށިގަނޑު ކުރެ އެވެ. މި މީހާ އަށް މި ކަން ހިނގިތާ މާ ގިނަ އިރެއް ނުވެ ފަރުވާ ދެވޭ ގޮތް ވީ ނަމަވެސް އޭނާ ކޯމާއިން ހޭ އެރީ ތިން ދުވަސް ފަހުންނެވެ.

ޑިޕްރެޝަންގެ މައްސަލަތައް ހުރި އަންހެނަކަށް ވެސް މާ ގިނައިން ސޯޔާ ސޯސް ކެވިގެން މައްސަލަތައް ކުރިމަތިވި އެވެ. އަދި މި މީހާ 19 އަހަރުގެ ފިރިހެންމީހާ ހާ ނަސީބު ރަނގަޅެއް ނުވި އެވެ. އެމީހާގެ ސިކުނޑިއަށް ވަރަށް ބޮޑެތި ގެއްލުންތައްވެ ޑޮކްޓަރުން އޭނާގެ ފުރާނަ ސަލާމަތްކުރަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ އޭނާ ވަނީ މަރުވެފަ އެވެ. އެމީހާ މަރުވާން މެދުވެރިވީ ފުއްޕާމޭގައި މާ ގިނައިން ފެން އުފެދި ފުއްޕާމޭ ދުޅަވެގެންނެވެ.