ފެމިލީ ކޯޓް

މިދިޔަ މަހު މާލޭގައި 245 ކައިވެނި، 115 ވަރި

މާލޭގައި މިދިޔަ މާޗް މަހު 245 ކައިވެނި ކުރިއިރު، އެ މަހުގެ ތެރޭގައި 115 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ފެމިލީ ކޯޓުގެ މާޗް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ކުރީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާ އެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 149 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެ އެވެ.

ވަރީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެއީ 71 މައްސަލަ އެވެ. ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލަ އެވެ. އެއީ 53 މައްސަލަ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.