ދުނިޔެ

ނޭޓޯއިން އެދޭ މިންގަޑުގައި ޔުކްރޭނަށް ހޭދައެއް ނުކުރެވޭނެ: ކެނެޑާގެ ބޮޑުވަޒީރު

ނޭޓޯ ބޭނުންވާ މިންގަނޑުގައި ޔުކްރޭނަށް އަސްކަރީ ގޮތުން އެހީވުމުގެ ގާބިލުކަން ކެނެޑާއަށް ލިބިފައި ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ އެވެ.

ޓްރޫޑޯ މިހެން ވިދާޅުވިކަން ހާމަވެފައިވަނީ ލީކުވި ޕެންޓަގަންގެ ސިއްރު ލިޔުންތަކުނެންނެވެ. މިއީ ނެޓޯގެ އޮފިޝަލުންނާ އެކު އޮތް ރަސްމީ ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއް ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެ އެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުން ޖީޑީޕީގެ ދެ ޕަސެންޓް ދިފާއަށް ހޭދަކުރަން ނޭޓޯ ލާޒިމްކުރެ އެވެ. އެހެން ނަމަވެސް، ޑްރޫޑޯ ވިދާޅުވީ މިއީ ކެނެޑާއަށް ކެތްކުރެވޭނެ މިންގަނޑެއް ނޫން ކަމަށެވެ.

އަސްކަރީ ހޭދަތަކަށް ކެނެޑާއަށް އެންމެ ބޮޑަށް ވެސް ހޭދަކުރެވޭނީ 1.4 ޕަސެންޓް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ނޭޓޯއިން ކަނޑައަޅާ މިންގަނޑުތައް ދެމެހެއްޓުމުގައި މެމްބަރު ގައުމުތައް ފަހަތަށް ޖެހުމަކީ ނޭޓޯއަށް ގަބޫލުކުރަން ދަތި ކަމެއް ކަމަށްވެސް ނޭޓޯއިން ވަނީ ބުނެފަ އެވެ.

ކެނެޑާއަށް ހޭދަނުކުރެވުމަކީ އެކަމުގެ ތަކުލީފު އެހެން ގައުމުތަކަށް ޖެހޭނެ ކަމެއް ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ. އަދި އެއީ ޒަމާންތަކަކަށް ދެމެހެއްޓިފައި އޮތް ގާތް ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް އެމެރިކާ ބުނެ އެެވެ.

ޔުކްރޭނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދެމުންދާއިރު އެ ނިޒާމުތައް ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ނޭޓޯ ބުނެ އެވެ. އަސްކަރީ އުޅަނދުތައް ދުއްވާނެ މީހުން ތައްޔާރު ކުރުމަށާއި އުޅަނދުތައް ތައްޔާރީ ހާލަތަށް ގެނައުމަށް މެކޭނިކަލް އިންޖިނޭރުން ވެސް ބޭނުންވާ ކަމަށްވެސް ނޭޓޯ ބުނެ އެވެ. އަދި މިއީ ބޮޑު ހޭދައެއް ހިނަގާނެ ކަމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.