ނުފޫޒުގަދަ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ސްޕޭސް އެކްސް އިން އޯބިޓަށް ފޮނުވަން މަސައްކަތްކުރި ސްޓާޝިޕް މެދުއުޑަށް ގޮވައި މިޝަން ފޭލިވެއްޖެ އެވެ.
މިއީ ޓެސްޓް ދަތުރެއް ނަމަވެސް ސްޕޭސް އެކްސްގެ އަމާޒަކަށް ވެފައި އޮތީ ކާމިޔާބުކަކާ އެކު ސްޓާޝިޕް އޯބިޓަށް ފޮނުވުމެވެ.
ސްޕޭސް އެކްސް އަކީ ޖައްވީ ހޯދުންތަކަށް ޚާއްސަ ކުންފުންޏެކެވެ. ސްޓާޝިޕް އަކީ ޖައްވަށް ސެޓަލައިޓް ފޮނުވުމަށާއި ޖައްވީ ސްޓޭޝަންތަކަށް މުދާއުފުލާ އުޅަނދުތައް އޯބިޓަށް އެރުވަމަށް މެދުވެރިއެއް ގޮތުގައި ބޭނުންކުރެވޭ ބިޔަ ރޮކެޓެކެވެ.
ސްޕޭސް އެކްސްގެ އުއްމީދަކީ ސްޓާޝިޕް އަކީ ތަކުރާރުކޮށް ބޭނުންކުރެވޭ ރޮކެޓަކަށް ހެދުމެވެ.
ސްޕޭސް އެކްސް އިން ގަބޫލުކުރާ ގޮތުގައި ސްޓާޝިޕް ޕްރޮޖެކްޓް ކޮންމެހެން ވެސް ކާމިޔާބުވާން ޖެހެ އެވެ. އެ ނޫން ގޮތެއްގައި ޖައްވަށް އިންސާނުން -- ޓޫރިސްޓުންގެ ގޮތުގައި ފޮނުވުން ފަސޭހައެއް ނުވާނެ އެވެ.
ޖައްވީ ޓޫރިޒަމް ފެށުމަށާއި ހަނދަށާއި މާސްއަށް އިންސާނުން އުފުލުން ކާމިޔާބުވާން އޮތީ ވެސް ސްޓާޝިޕް ޕްރޮގްރާމް ކޮޅެއްގައި ޖެހިގެންނެވެ.
ސްޕޭސް އެކްސް އިން ބުރާސްފަތި ދުވަހު ކުރި ޓެސްޓްގަައި ސްޓާޝިޕް އަނދައި ހުލިވި ނަމަވެސް އެއީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އީލޮން މަސްކް ވިދާޅުވި އެވެ. އަދި ކުރިއަށް ދެތިން މަސް ދުވަސް ތެރޭގައި ސްޓާޝިޕްގެ އާ ދަތުރެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓާޝިޕްގެ މި ދަތުރަކީ ހޯމަ ދުވަހަށް އޮތް ދަތުރެކެވެ. އެހެންނަމަވެސް ވޭލްވަކުން ލީކުވާތީ ދަތުރު ބުރާސްފަތި ދުވަހަށް ފަސްކުރީ އެވެ.
ސްޕޭސް އެކްސް އިން ވިސްނާފައި އޮތީ ސްޓާޝިޕް އޯބިޓަށް އަރުވައި ދުނިޔެ ވަށައި ބުރެއް ޖެހުމެވެ. އަދި އެއަށްފަހު ޕެސިފިކް ކަނޑަށް ވެއްޓިގަތުމެވެ.
އެހެން ނަމަވެސް، ދަތުރަށް ފެށިތާ ހަތަރު މިނެޓްގެ ތެރޭގައި ސްޓާޝިޕް ވަނީ މެދު އުޑަށް ގޮވާފަ އެވެ. ސްޕޭސް އެކްސް އިން ބުނީ އުޅަނދުގައި އަލިފާން ހިފައި ގޮވަން މެދުވެރިވީ ސްޓާޝިޕް އިން އޮޓަމެޓިކުން ބޫސްޓަރު ނުނެއްޓުމުގެ ސަބަބުން ކަމަށެވެ.