ލައިފްސްޓައިލް

ހަދިޔާކުރި ގުނަވަންތަކަކުން ފަސް މީހެއްގެ ފުރާނަ ސަލާމަތްވެއްޖެ

އިންޑިޔާގެ ހަރްޔާނާގެ 45 އަހަރުގެ ފިރިހެނެއް ކުއްލިއަކަށް މަރުވުމުން އޭނާގެ އާއިލާއިން އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރުމުން އެ ގުނަވަންތަކުގެ އެހީގައި ފަސް މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ފަސް މީހުންގެ ސާޖަރީ ހަދައި މަރުވި މީހާގެ އެތެރެހަށީގެ ފަސް ގުނަވަނެއް އެމީހުންނަށް ޓްރާންސްޕްލާންޓް ކޮށްފައި ވެއެވެ. އަދި އެމީހާގެ ލޮލުގެ ކޯނިއާ ވެސް ވަނީ ބޭނުން ޖެހިފައިވާ މީހަކަށް ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ނަގައި ރައްކާ ކޮށްފަ އެވެ.

ހަރްޔާނާގެ ކަމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ރަންދޭވް ޔާދަވް ނަމަކަށް ކިޔާ 45 އަހަރުގެ މީހާ ގުރުގާއޯން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި ހިނގާ އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ ހެނދުނުއްސުރެ ބޮލުގައި މާގަދައަށް ރިއްސާ، މޭނުބައިކޮށް ހޮޑުލެވޭތީ އެވެ.

ޑޮކްޓަރުން ބުނެފައިވަނީ އެމީހާގެ ފުރާނަ ސަލާމަތްކުރަން ވަރަށް މަސައްކަތް ކުރި ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ. އެމީހާއަށް ދިމާވި މައްސަލައަކީ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ލޭ އައިސް ބޮލު ތެރެއަށް ލޭތައް އެޅުމެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރެއް ނުވެ ކޯމާ އަށް ގޮސް އެމީހާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ރަންދޭވް އަށް ފަރުވާ ދިން ޑޮކްޓަރުން ބުނި ގޮތުގައި ޔާދަވްގެ ހިތާއި ފުއްޕާމޭ، ފުރަމޭ އަދި އެއް ކިޑްނީ ވަގުތުން އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ޓްރާންސްޕްލާންޓްކުރި ކަމަށެވެ. އަދި އެއް ކިޑްނީ އެހެން ހޮސްޕިޓަލަކުން ބޭނުންވެގެން ފޮނުވާލީ ކަމަށެވެ. އަދި ކޯނިއާ ނިރްމަޔާ، އައި ބޭންކަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ރަންދޭވްގެ ހިތް ޓްރާންސްޕްލާންޓް ކުރީ 33 އަހަރުގެ ފިރިހެނެއްގެ އެވެ. މިއީ ވަރަށް ކުޑައިރުއްސުރެ ހިތުގެ މައްސަލަތައް ތަހައްމަލުކުރަމުން ގޮސް ފުރާނައަށް ނުރައްކާވެފައިވާ މީހެކެވެ.

ރަންދޭވްގެ އަނބިމީހާ ބުނި ގޮތުގައި ފިރިމީހާގެ ކުއްލި މަރަށް ފަހު އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާ ކުރަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ނަމަވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ލިބުމުން ފިރިމީހާގެ ހަނދާންތައް ދިރުވަން އެއަށް ވުރެ ރަނގަޅު ގޮތެއް ނެތް ކަމަށް ގަބޫލު ކުރެވިގެން ގުނަވަންތައް ހަދިޔާ ކުރީ އެވެ.