މާރިޔާ އަހުމަދު ދީދީ

މާރިޔާގެ އިލްތިމާސް ސިފައިންނަށް: ޝަހްސު ކިލަނބު ނުކޮށް ބަދަހިކޮށް ތިބޭ

ދިވެހި އަސްކަރިއްޔާގެ ޒާތީ ޝަޚުސަށް ކިލަނބުކަމެއް އަޔަނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓައި ދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިލްތިމާސް ކުރައްވައިފި އެވެ.

އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފާހަގަކުރާ ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގަ އެެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ޒާތީ ޝަޚުސަށް ކިލަނބުކަމެއް އަޔަނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓާ، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތަމްރީނުވެ، ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ސިފައިން ވާންޖެހޭ ކަމަށެވެ.

މާރިޔާ ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތައާރަފްކޮށް، ޑިމޮކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރިފަހުން، ފާއިތުވި ހަތަރު އަހަރާއި ފަސް މަހަށްވުރެ، ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ގާއިމުވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކެފައި ނުވާ ކަމަށެވެ.

"މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލްކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ ހަމަޖެހުމާއި އަމާންކަން. ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްގީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއްނެތި، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ތަރައްގީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެއްގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީ އާއި ފޮނި މީރުކަން ކުދި ބޮޑު ހުރިހާ ދިވެހި ރައްޔިތުން މިއަދު ތަޖުރިބާކޮށް އެކަމުގެ އުފާ އިހްސާސް ކުރަމުންދާ ކަމަށެވެ.

ސިފައިންގެ ޝަރަފުގެ ހިނގާލުމާއި، އަސްކަރިއްޔާ އިން ހިންގާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން ދިއުމަކީ ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން މިސަރުކާރުން ގެންނަމުންދާ ބަދަލުތައް ކަމުގައިވެސް މާރިޔާ ވިދާޅުވި އެވެ. މީގެ އިތުރުން، ސިފައިންގެ އިތުރު މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސިފައިންނަށް ދިމާވާ ކޮންމެ ފަހަރެއްގައިވެސް، ގއުމުގައި ސިފައިން އަދާކުރާ މުހިޢޤމު ދައުރާއި، ދިވެހި ރައްޔިތުންގެ އިޙޤތިރާމާއި، ލޯތްބާއި ޣާދަރު ލިބޭނޭހެން ސިފައިންގެ އަމަލުތައް ބެހެއްޓުމަށާއި، ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ދެމެހެއްޓުމަށް އަބަދުވެސް ނަސޭހަތްތެރިވެ ބާރު އަޅުއްވާ،" މާރިޔާ ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ މިއަހަރުގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން – ގައުމުގެ ހަމަޖެހުން" އެވެ. މި ޝިއާރުން ހަނދާންކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ސިފައިން ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެން ކަަމެވެ.

މިއަހަރުގެ ޝިއާރާ ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ އުއްމީދަކީ ސިފައިންގެ މިއަހަރުގެ ތައްޔާރީތަކާއި ތަމްރީނުތަކާއި ހަރަކާތްތަކަށް މަގުދައްކާ، އެކަންކަމުގެ އަމާޒު ހިފަހައްޓައިދޭ ވަސީލަތަކަށް މިއަހަރުގެ ޝިއާރު ވެގެން ދިއުން ކަމަށެވެ.

"އަޅުގަނޑުގެ ދުއާ އަކީ މާތްﷲ ދިވެހި ސިފައިންނަށް، ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގާބިލްކަމާއި ހިތްވަރާއި ސާބިތުކަން އަބަދުވެސް މިންވަރު ކުރެއްވުން. ދިވެހި އަސްކަރިއްޔާއަކީ ގައުމުގެ ހަމަޖެހުން ކަށަވަރުކޮށް ދެމެހެއްޓުމަށް އަބަދުމެ ތައްޔާރަށް އޮތް ބަދަހި ލަޝްކަރެއްގެ ގޮތުގައި ލެހެއްޓެވުން،" މާރިޔާ ވިދާޅުވި އެވެ.