އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތަށް ނުވަ މިލިއަން ރުފިޔާ

ރަމަޟާން މަސް ނިމުނުއިރު ފިތުރު ޒަކާތުގެ ގޮތުގައި ސީދާ އިސްލާމިކް މިނިސްޓްރީއަށް ނުވަ މިލިއަން ރުފިޔާ އެ މިނިސްޓްރީން ހާމަކޮށްފި އެވެ.

ރޯދަ މަހުގެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކި ގޮތުގެ ތަފާސްހިސާބު އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި 175،485 މީހަކު ޒަކާތް ދައްކާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާލެ ސަރަހައްދުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި މީހުންގެ އެކައުންޓްތަކަށް ޒަކާތު ފައިސާ ޖަމާކޮށްވެސް ނިންމާފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޖުމްލަ 5.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު ފަގީރުންގެ ލިސްޓްގައި 8،446 މީހަކު ހިމެނެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ތިބި 1،736 މީހުންނަށް ޒަކާތު ފައިސާގެ ގޮތުގައި ޖަމާކޮށްދީފައިވަނީ ބޮލަކަށް 3،450 ރުފިޔާ އެވެ.

ޒަކާތުގެ ފައިސާގެ ގޮތުގައި ސީދާ އިސްލާމިކް މިނިސްޓްރީއަށް ލިބުނު ފައިސާގެ ތެރެއިން ނުބަހާ ހުރި ތިން މިލިއަން ރުފިޔާއާ މެދު އަމަލުކުރާނެ ގޮތެއް މިނިސްޓްރީން އަދި ނިންމާފައެއް ނުވެ އެވެ.

ރަށްރަށުގައި ތިބި ފަގީރުންނަށް ޒަކާތު ފައިސާ ބަހާނީ އެރަށެއްގެ ކައުންސިލްތަކަށް ލިބުނު ފައިސާ އަކުންނެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ 12،989.3 ކިލޯގެ ގޮވާމުގެ ބާވަތްތައް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ފަގީރުންނަށް ބަހާފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަންވެސް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގެ އެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 7.9 މިލިއަން ރުފިޔާ އެވެ. އަދި 2021 ވަނަ އަހަރު ލިބުނީ 6.7 މިލިއަން ރުފިޔާ އެވެ.