ފިނިޕޭޖް

މެތިއު މެކަނޯއީ އާއި ވުޑީ ހެރަލްސަން އަކީ ދެބެން!؟

ކެލީ ރިޕާގެ "ލެޓްސް ޓޯކް އޮފް ކެމެރާ" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި އެޕަލްޓީވީގެ "ބްރަދާ ފްރޮމް އެނަދާ މަދާ"ގެ ނަމުގައި ދެމީހުން ސީރީޒްއެއް ކުޅޭކަން ހާމަކޮށް ވާހަކަ ދައްކަމުން މެތިއު ބުނީ އޭނާ އާއި ވުޑީ އަކީ ހަގީގަތުގައިވެސް އެއްބަފާ ދެބެންތޯ ސުވާލު އުފެދެ އެވެ. ސަބަބަކީ މެތިއުގެ މަންމަގެ މާޒީގައި ވުޑީގެ ބައްޕައާ (ފަހަރެއްގައި ލޯބީގެ) ގުޅުމެއް އޮތުމުންނެވެ.

މެތިއު ބުނީ ވުޑީއާ އެކު ގާތް ގުޅުމެއް އޮންނަ ކަމަށާއި ދެ މީހުންގެ ދަރިންވެސް "އަންކަލް މެތިއު"، "އަންކަލް ވުޑީ" ކިޔާ ކަމަށާއި ދެމީހުންގެ އާއިލާ އާ އެކުގައި ނަގާފައިވާ ފޮޓޯތަކަށް ބަލައި، ދެމީހުންގެ އާއިލާއަށްވެސް ބައެއް ފަހަރަށް މެތިއު އާއި ވުޑީ އޮޅޭ ކަމަށެވެ.

މެތިއު ބުނީ ގްރީސްގައި އާއިލާއާ އެކު ދެމީހުންގެ ގާތް ރަހްމަތްތެރިކަމުގެ ވާހަކަ ދައްކަން ތިއްބާ، މެތިއުގެ މަންމަ އެތަނަށް އައިސް ވުޑީގެ ބައްޕަ ކުރިން އެނގޭ ކަމަށް ބުނި ކަމަށެވެ.

އެކަމާ ގުޅިގެން މެތިއު އާއި ވުޑީގެ އާއިލާގެ މާޒީ ތަހުގީގު ކުރިއިރު، މެތިއު އުފަންވުމުގެ ނުވަ މަސްކުރިން، މައިންބަފައިންގެ ދެވަނަ ފަހަރަށް ވަރިވާން ބޭނުންވެ ދުރުވެފައިވާތީ، އެ ދުވަސްވަރު ވުޑީގެ ބައްޕައާ ދިމާވެ، ގުޅުމެއް ހިނގާފާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވުނު ކަމަށް މެތިއު ބުންޏެވެ.

ވުޑީގެ އާ ފިލްމް "ވައިޓް ހައުސް ޕްލަމާސް"ގެ ޕްރޮމޯޝަން ކުރިއަށްދާއިރު، ސްޓީވަން ކޮލްބިއާގެ ޝޯއެއްގައި ވާހަކަ ދައްކަމުން ވުޑީ ބުނީ ދެމީހުންވެސް އެކަން ކަށަވަރުކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް މެތިއު އެކަމަށް ޖެހިލުންވާ ސަބަބަކީ، ޑީއެންއޭ ޓެސްޓުން އެ ދެމީހުން އެއްބަފާ ކަމަށް ހާމަކޮށްފިނަމަ، 53 އަހަރު ވަންދެން އޭނާ ބައްޕަގެ ގޮތުގައި ދުށް މީހާ ގެއްލޭނެތީ އެވެ.

މެތިއު އާއި ވުޑީ މީގެ ކުރިން "އެޑްޓީވީ"، "ސާފާ، ޑިއުޑް" އަދި "ޓްރޫ ޑިޓެކްޓިވް" އެކުގައި ކުޅެފައިވެ އެވެ.