ޓޫރިޒަމް

ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ކުރިމަތިލުމަށް އިތުރު ވަގުތު ދީފި

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަށް ކުރިމަތިލުމަށް ޝައުގުވެރިވާ ރަށްތަކުން ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

ކުރިން މި ފުރުސަތު ހުޅުވާލީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ވީހާވެސް ގިނަ ރަށްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު އިތުރުކޮށްދީފަ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ -- ޔޫއެން ޑަބްލިއުޓީއޯ އިން ބެސްޓް ޓޫރިޒަމް ވިލެޖަސް ހޮވުމަށް 2021 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް ހިތްވަރު ދިނުމާ އެކު ރަށްތަކުގެ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށް ރަށްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ޔޫއެން ޑަބްލިއުޓީއޯ އަށް ސަރުކާރުން ހުށަހަޅާނީ އެންމެ ރަނގަޅު އަށް ރަށެއްގެ ޕްރޮޕޯސަލް އެވެ.

މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅޭނީ 15،000 މީހުންނަށް ވުރެެ ދަށް އާބާދީތައް ހިމެނޭ ރަށްތަކަށެވެ. ޕްރޮޕޯސަލް ތައްޔާރުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ބެސްޓް ޓޫރިޒަމް ވިލެޖަސްގެ ގޮތުގައި 40 ގައުމަކުން 70 އަށް ވުރެ ގިނަ ރަށް ނުވަތަ އަވަށް ދުނިޔޭގެ ފެންވަރުގައި ގެންދަނީ ފާހަގަކުރަމުންނެވެ.

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ 100 އަށް ވުރެ ގިނަ ރަށުގައި ގެސްޓުހައުސް ހިންގަމުންދެ އެވެ.