ފިނިޕޭޖް

ޖެނިފާ ލޮޕޭޒްގެ "ދަ މަދާ" މެއި 12ގައި

ޖެނިފާ ލޮޕޭޒްގެ އެކްޝަން ތްރިލާ "ދަ މަދާ" މަންމައިންގެ ދުވަހާ ދިމާކޮށް ކުރިއަށް އޮތް މެއި 12 ވަނަ ދުވަހު ނެރެން ނިންމައިފި އެވެ.

މި ފިލްމްގެ ޓްރޭލާ އާންމުކޮށްފައިވާއިރު ޓްރޭލާ އިން ފެންނަނީ މިލިޓްރީ-ޓްރޭނިން ލިބިފައިވާ ޖެނިފާއަށް އަންހެން ދަރިއަކު ލިބޭ ތަނެވެ. އަދި ޖެނިފާ މަރާލުމަށް ބަޔަކު އުޅޭތީ، އެ ތުއްތު ދަރިފުޅުގެ ރައްކަލަށްޓަކައި އެ ކުއްޖާ ރަނގަޅު ބަޔަކާ ހަވާލުކުރަން ކަމަށް ބުނެ ފިލާ ތަނެވެ.

ޖެނިފާ ހޯދާ މީހުންނަށް ބާރަ އަހަރު ފަހުން އެ ކުއްޖާ އެއީ ކާކުކަން އެނގި ކިޑްނެޕްކުރުމުން، ޖެނިފާ އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކުރާ މަސައްކަތް ވެސް ފެނެ އެވެ.

ޖެނިފާގެ އިތުރުން މި ފިލްމްގައި ޖޯސެފް ފައެންސް، ގައެލް ގާސިއާ ބާނަލް، އޮމާރީ ހާޑްވިކް، ލޫސީ ޕައެޒް އަދި ޕޯލް ރާސީ އެކްޓްކޮށްފައިވެ އެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޑިޒްނީގެ ލައިވް-އެކްޝަން "މުލާން" ޑައިރެކްޓްކުރި ނިކީ ކާރޯ އެވެ. މި ފިލްމް ރިލީޒްކުރާނީ ނެޓްފްލިކްސްއިންނެވެ.