އާބަންކޯގެ މުވައްޒަފުންނަށް ހުޅުމާލޭ އިން ފްލެޓްތަކެއް ބަހާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދަނީ ބަޔަކު ހަދާފައިވާ އަސްލެއް ނެތް ލިސްޓެއް ކަމަށް އާބަންކޯ އިން ބުނެފި އެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސް ރެޒިޑެންޝަލް މަޝްރޫއުތަކުގައި ހިމެނޭ ބައެއް ފްލެޓްތައް، އާބަންކޯގެ މުވައްޒަފުންނަށް ބަހާލަނީ ކަމަށް ބުނެ އާބަންކޯގެ މެމޯއަކާއި ފްލެޓް ލިބޭ އާބަންކޯގެ އިސް ބޭފުޅުންގެ ލިސްޓެއް މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅިގެން އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދާ ލިޔުންތަކުގައި ބުނާ ފްލެޓްތަކަކީ މިދިޔަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިއަށް ގެންދެވުނު "އެންޑް ޔޫސަރ ފައިނޭންޝަލް މޮޑެލް"ގެ ދަށުން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ނުވިކި ހުރި 34 ފްލެޓް ހުރި ކަމަށެވެ.
އާބަންކޯ އިން ބުނީ މިދިޔަ އަހަރު އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ސްކީމަށް އެއް އަހަރުވުމާ އެކު، އެ ސްކީމުގެ ތެރެއިން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުންތަކެއް ތިބިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ 34 ފްލެޓަށް ކުރިމަތިލުމަށް އަލުން ހުޅުވާލުމުން 800 އަށް ވުރެ ގިނަ މުވައްޒަފުން ޝަރުތު ހަމަވި ކަމަށާއި މި ޔުނިޓްތަކަކީ ވަކި އުސޫލެއްގެ ތެރެއިން ވިއްކާ ފްލެޓްތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ކާކުކަން ނޭނގޭ އެކައުންޓަކުން، މި ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއި އެކު މި ކޯޕަރޭޝަންގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިސްޓެއް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. މި ދޮގު ހަބަރާއި މައުލޫމާތު ފޯރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލާ ކުންފުނީގެ އަގު ވައްޓާލުމަށެވެ،" އާބަންކޯގެ ބަޔާނުގައިވެ އެވެ.
އާބަންކޯ އިން އިތުރަށް ބުނީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާއި ވަކިން ހާއްސަކޮށް އާންމުންނާ ގުޅިފައި ހުންނަ މަސައްކަތްތައް ބައްޓަން ކުރެވިފައިވާނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ. އަދި މިމަސައްކަތްތައް ކުރިއަށްދާ ގޮތް އާބަންކޯގެ އިންޓާނަލް އޮޑިޓުން ގަވައިދުން ބަލަމުންދާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ކަމާ ގުޅޭ މުއައްސަސާތަކުން ވެސް އާބަންކޯގެ މަސައްކަތްތައް ކުރަމުންދާ ގޮތް ބެލުމަށް ބޭނުންވާނަމަ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.