ފިނިޕޭޖް

އެޗްބީއޯއިން ހެރީ ޕޮޓާގެ ޓީވީ ސީރީޒެއް ހަދަނީ

މިއަދު މިއޮތީ ހެރީ ޕޮޓާގެ ފޭނުނަށް އުފާވެރި ހަބަރެކެވެ.

ވޯނާ ބްރަދާސް އާއި އެޗްބީއޯ އިން ޖޭކޭ ރޯލިންގެ މަޝްހޫރު ހެރީ ޕޮޓާ ވާހަކަ ސީރީޒަށް ޓީވީ ސީރީޒެއް ހަދަނީ އެވެ.

މި ޓީވީ ސީރީޒް ސްޓްރީމްކުރާނީ އެޗްބީއޯގެ ސްޓްރީމިން ސާވިސް -- މެކްސްއިންނެވެ.

ޖޭކޭ ރޯލިން މި ސީރީޒްގެ އެގްޒެކްޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ.

ފިލްމް ސީރީޒްގައި ހެރީ، ހާމައިނީ އަދި ރޮންގެ ރޯލް ކުޅެ މަޝްހޫރުވި ޑެނިއަލް ރެޑްކްލިފް، އެމާ ވޮޓްސަން އަދި ރުޕާޓް ގްރިންޓްގެ ބަދަލުގައި މި ސީރީޒްއިން ފެންނާނީ އާ މޫނުތަކެކެވެ.

މި ޓީވީ ސީރީޒް 10 އަހަރަށް ހިނގާނެ ކަމަށާއި ހެރީ ޕޮޓާ ފިލްމުތައް އަސާސްއަކަށް ބަލައި، މި ޓީވީ ސީރީޒް ހެރީ ޕޮޓާގެ އޮރިޖިނަލް ވާހަކަތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނާނެ ކަމަށް ވޯނާ ބްރަދާސްއިން ބުންޏެވެ. އަދި މި ސީރީޒްގެ އާ ކާސްޓާއި ޖާދުވީ ލޮކޭޝަންތަކާއި އެޑްވެންޗާތަކާއެކު މި ޓީވީ ސީރީޒް މުޅި ދުނިޔޭގެ އާ އޯޑިއަންސަކަށް ގެނެސްދެވޭނެ ކަމަށްވެސް ވޯނާ ބްރަދާސްއިން ބުންޏެވެ.

ހެރީ ޕޮޓާ ވާހަކަތައް ނެރެފައިވަނީ 1997 އިން ފެށިގެން 2007 އާ ހަމައަށެވެ.