ލައިފްސްޓައިލް

ޕޮލެންޑްގެ އަވަށެއްގެ އެންމެން އެއް މަގެއްގައި އުފާވެރި ކަމާއެކު

އެއް އަވަށެއްގެ އެންމެން އަވަށްޓެރިންނާ ގުޅިގެން އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެނުމަކީ ވަރަށް ހިތްހަމަޖެހޭ އުފާވެރި މަންޒަރެކެވެ. ނަމަވެސް މިކަން ކުރެވޭނީ ހުރިހާ އަވަށްޓެރިންނަކީ ވެސް އެކަކު އަނެކަކަށް އިހްތިރާމްކުރާ އަދި އެހެން މީހުންގެ ޖަޒުބާތުތަކަށް ވިސްނާ ބަޔަކަށް ވާނަމަ އެވެ.

ގިނަ ފަހަރަށް އަވަށްޓެރިންގެ މެދުގައި އަރާރުން އުފެދެނީ ކުނި ފަދަ އުކާލަން ބޭނުންވާ ތަކެތި ބޭރަށް ނެރި އެހެން މީހުންގެ ގޭގޭ ދޮށުގައި ނުވަތަ މަގުމަތީގައި ބެހެއްޓުމާއި އަވަށްޓެރިންނަށް އުނދަގޫވާ ވަރަށް ބާރަށް ލަވަ ޖެހުން ފަދަ ކަންކަން ކުރާތީ އެވެ. އެހެންނޫންނަމަ ހުރިހާ އެންމެން ގުޅިގެން އުޅުމަކީ ވަރަށް ފަސޭހަ ވާނެ ކަމެކެވެ.

މިފަދަ އަވަށެއް ޕޮލެންޑްގައި އެބައޮތެވެ. ސުލޮސްޒޯވާ ކިޔާ މި ޓައުނުގައި އެންމެން ދިރިއުޅެނީ އެއް މަގެއްގަ އެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުން ދެ ތިން އަވަށްޓެރިން ވަށައިގެން ހުންނަ ގެތަކުގައި ދިރިއުޅޭއިރު ވެސް އޮންނަނީ އެމީހުންނާ ކޮންމެވެސް މައްސަލައެއް ޖެހިފަ އެވެ. ނަމަވެސް ސްލޮސްޒޯވާ ޓައުންގައި ދިރިއުޅޭ 6،000 މީހުން އެއް މަގެއްގައި ވަރަށް އެކުވެރިކަމާއެކު ދިރިއުޅެމުންދަނީ އެއްވެސް މައްސަލައެއް ނުޖެހި އެވެ.

މިއީ ގަބޫލުކުރަން ދަތި ވާޙަކައަކަށް ވިޔަސް މިއީ ހަމަ ހަގީގަތެވެ. އެ އަވަށަށް "ލިޓްލް ޓަސްކެނީ" އޭ ކިޔައި އުޅެނީ އެ އަވަށުގައި ގެތައް އަޅާފައި ހުރި ގޮތުންނެވެ. މި އަވަށް އޮންނަނީ ޕޮލެންޑްގެ ދެކުނުގަ އެވެ.

މި ޓައުންގައި އޮންނަނީ އެންމެ މަގެކެވެ. އެ މަގުގައި ނުވަ ކިލޯ މީޓަރު ހުރެ އެވެ. ޕޮލެންޑްގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2017 ވަނަ އަހަރު މި އަވަށުގައި 5،819 މީހުން ދިރިއުޅުނެވެ.

މި އަވަށުގައި ގެތައް ބިނާ ކޮށްފައި ހުރީ އެ ވަށުގައި އޮންނަ ދިގު އެންމެ މަގެއްގެ ދެ ފަރާތުގަ އެވެ. ކޮންމެ ގެއެއްގެ ވެސް ފަހަތު ބައިގައި ބަގީޗާ ހައްދާފައި އޮވެ އެވެ. އަދި އެމީހުން ދަނޑުވެރިކުރާ ދަނޑުތައް ވެސް އޮންނަނީ ގޭގެ ފަހަތުގަ އެވެ.

ދާދިފަހުން މި އަވަށުގެ މަތިން ނަގާފައިވާ ވީޑީއޯއެއް އިންޓަނެޓުގައި އާއްމުވުމުން ގިނަ ބަޔަކު މި ވީޑީއޯ ބަލާފައި ވަރަށް ހައިރާންވެގެން އުޅުނެވެ. ވީޑީއޯގައި ވާހަކަ ދެއްކި އެ އަވަށުގެ ބައެއް މީހުން ބުނެފައިވަނީ ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް އެމީހުންގެ ގެ ވިއްކާލާފައި އެހެން ތަނަކަށް ދިރިއުޅެން ނުދާނެކަމަށެވެ.