މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންސްގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަނީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފީސް ހިންގުމަށް، ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުން ބައެއް ދިނުމަށް ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގެ ބަޔަކަށް ކަރެކްޝަންސްގެ އޮފީސް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޕީއެސްއެމްގެ ބައެއް އިސް ބޭފުޅުންނާއި ކަރެކްޝަންސްގެ އޮފިޝަލަކު އަވަސް އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

"އަޅުގަނޑުމެންގެ އޮފީސް ބަދަލުވާނެ ކަމަށް މިހާރު އެންމެ ޔަގީންވާ ތަނަކީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް،" ކަރެކްޝަންސްގެ އޮފިސަރަކު ވިދާޅުވި އެވެ.

ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ އަޑުގެ އިމާރާތުން ބައެއް ކަރެކްޝަންސްގެ އިދާރީ އޮފީހެއް ހިންގަން ފަސް އަހަރަށް ދޫކުރަނީ ކުއްޔަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވެނީ އަޑުގެ އިމާރާތުގައި ކަރެކްޝަންސްގެ އޮފީސް ވަކިކޮށްލަން. މާނަ އަކީ ކަރެކްޝަންސްގެ މުވައްޒަފުން އަޑުގެ އިމާރާތަށް ވަންނާނީ ވެސް ވަކި ދޮރާށްޓަކުންނޭ،" ޕީއެސްއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

ކަރެކްޝަންސްގެ މާލޭ އޮފީހުގައި ގާތްގަނޑަކަށް 120 މުވައްޒަފުން މަސައްކަތް ކުރެ އެވެ. ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެމްޑަބްލިއުއެސްސީގެ ފެން ބިލްޑިން އަށް ކަރެކްޝަންސްގެ އޮފީސް ބަދަލުކުރާށެވެ. ނަމަވެސް ފަހުން ކަރެކްޝަންސްގެ އޮފީސް އަޑުގެ އިމާރާތަށް ބަދަލުކުރަން ނިންމީ ކަރެކްޝަންސްގެ ހުރިހާ މުވައްޒަފުން އެކުގައި މަސައްކަތް ކުރާނެ ޖާގަ ފެން ބިލްޑިންގެ އެއްވެސް ފްލޯ އަކުން ލިބޭ ގޮތް ނުވުމުން ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގަން އޮފީހެއް ހޯދަން ޖެހުނީ އެ އޮފީސް ހިންގަމުންދާ ގާޒީ ބިލްޑިން -- ވަރަށް ދުވަސްވެ ބޭނުންކުރަން ރައްކާތެރި ނުވާ ހިސާބަށް ދިއުމުން ތަޅާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ޕްލޭނިން މިނިސްޓްރީން ނިންމާފައިވަނީ މިއަހަރުގެ ޖޫން 20ގެ ކުރިން ގާޒީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފެށުމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަކީ ޖަލުތަކާއި ގައިދީންގެ ކަންކަން ބެލުމުގެ ޒިންމާ އޮތް މުއައްސަސާ އެވެ.