ޓޫރިޒަމް

ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު: ސީބީއާރްއީ

އިންވެސްޓް ކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރްއީ) އިން ބުނެފި އެވެ.

ސީބީއާރްއީ އަކީ ރިއަލްއެސްޓޭޓް ވިޔަފާރީގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.

ސީބީއާރްއީ އިން ދެކޭ ގޮތުގައި ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގު އިތުރުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ދިވެހި ސަރުކާރުން އިސްލާހުކުރުމުންނާއި ތިމާވެށްޓަށް އިސްކަންދީގެން ރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާ އެންމެ ބޮޑަށް ވާދަކުރާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އިންޑޮނީޝިއާގެ ބާލީއަށް ވުރެ ވެސް ބޮޑަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރަން އިންވެސްޓަރުން ޝައުގުވެެރިވާ ކަމަށް ސީބީއާރްއީ އިން ބުނެ އެވެ.

ސީބީއާރްއީގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސްގެ މަގާމުގައި ހުންނެވި ޕްރަފިންލީޔާ ފުއަންގުއަންކާން ވިދާޅުވި ގޮތުގައި ރާއްޖެއަކީ ފަސޭހައިން އިންވެސްޓްމަންޓްގެ ފައިދާ ލިބޭ އަދި ޓޫރިޒަމްގެ ވިޔަފާރީގައި އިންވެސްޓް ކުރަން އާ ފުރުސަތުތައް ހުރި ތަފާތު ގައުމެކެވެ.

ރާއްޖެ ފާހަގަކުރެވިފައިވަނީ ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެންމެ އަވަހަށް އަދި އެންމެ ބާރަށް އިގްތިސާދު ހަމައަކަށް އެޅުނު ގައުމުގެ ގޮތުގަ އެވެ. ރާއްޖެއާއި ދުނިޔޭގެ މާލީ އިދާރާތަކުގެ އިގްތިސާދީ ލަފާކުރުންތަކަށް ބަލާއިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން ވަނީ 20 ޕަސެންޓް ކުރިއަރާފަ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ސަރުކާރުން މިއަހަރަށް ކަނޑައެޅި 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ހާސިލްވެ އަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ސަރުކާރުން މިހާރު ލަފާ ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތަފާސްހިސާބުތައް މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 626،000 އަށް ވުރެ އިތުރުވެފަ އެވެ.