ފިނިޕޭޖް

މިއަހަރު އަދި އެންމެ ހިނގަނީ "ދަ ސުޕާ މާރިއޯ ބްރޯސް. މޫވީ"

ޔުނިވާސަލް ސްޓޫޑިއޯއިން މަޝްހޫރު ނިންޓެންޑޯ ގޭމަށް ހެދި އެނިމޭޓަޑް ފިލްމް "ދަ ސުޕާ މާރިއޯ ބްރޯސް. މޫވީ" ވަރަށް ކާމިޔާބުކަމާ އެކު އެބަ ހިނގަ އެވެ.

މިގޮތުން މި ފިލްމަށް އުތުރު އެމެރިކާގެ ބޮކްސް އޮފީހުން 400 މިލިއަން ޑޮލަރު ލިބިފައިވާއިރު، ދުނިޔޭގެ ބޮކްސް އޮފީހުން 466.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މާގިނަ ދުވަސްތަކެއް ނުވެ މިއަހަރު 1 ބިލިއަން ޑޮލަރު ކްލަބަށް އަރާ ފުރަތަމަ ފިލްމަށް މި ފިލްމު ވެގެންދާނެ ކަމަށް މިހާރު ބެލެވެ އެވެ.

މިފިލްމަށް މި ހަފްތާ ބަންދުގައި 58 މިލިއަން ޑޮލަރު ފަސޭހައިން ލިބޭނެ ކަމަށް ލަފާކުރެވޭތީ މި ފިލްމު ވެގެންދާނީ އެނިމޭޓެޑް ފިލްމަކަށާއި ޔުނިވާސަލްގެ ފިލްމެއް ތިންވަނަ ހަފްތާގައި އެންމެ ގިނައިން ފައިސާ ހޯދާ ފިލްމަށެވެ. އަދި މިއީ މުޅި ދުނިޔޭގެ ބޮކްސް އޮފީހަށް ބަލާއިރު، "ސްޕައިޑަމޭން: ނޯވޭ ހޯމް" ކަޓުވާފައި، ތިންވަނަ ހަފްތާ ބަންދުގައި އެންމެ ގިނައިން ފައިސާ ލިބުނު ހަތްވަނަ ފިލްމެވެ.

އާރޮން ހޮވަތް އާއި މައިކަލް ޔެލެނިކް ޑައިރެކްޓްކޮށްފައިވާ "ދަ ސުޕާ މާރިއޯ ބްރޯސް. މޫވީ" ފިލްމްގައި މާރިއޯގެ އަޑު އަޅާފައިވަނީ ކްރިސް ޕްރެޓް އެވެ. އަދި ލުއީޖީގެ އަޑު ޗާލީ ޑޭ އަޅާފައިވާއިރު، ޕްރިންސަސް ޕީޗްގެ އަޑު އަނާ ޓޭލާ-ޖޯއި، ބައުސާގެ އަޑު ޖެކް ބްލެކް، ޑޮންކީ ކޮންގއަށް ސެތް ރޯގަން، ޓޯޑްގެ އަޑު ކީގަން-މައިކަލް ކީ އަޅާފައިވެ އެވެ.

ސުޕާ މާރިއޯ ގޭމްގައި މާރިއޯ އަދި ލުއިޖީގެ އަޑު އަޅާފައިވާ ޗާލްސް މާޓިނެޓް މި ފިލްމްގައި މާރިއޯ އަދި ލުއިޖީގެ ބައްޕައަށް އަޑު އަޅާފައިވެ އެވެ.