އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވާދަކުރެއްވުމަށް އެ މަނިކުފާނުގެ އަމިއްލަ ޕާޓީ، ޑިމޮކްރެޓުންގެ ވެސް އެހާ ބޮޑު ތާއީދެއް ނެތެވެ.
ޚިޔާލު ހޯދުމަށް ނެގި ވޯޓަކުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 50 ޕަސެންޓަށް ވުރެވެސް ދަށުންނެވެ.
އެހެން ނަމަވެސް، ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕާޓީގެ ސިއްކައެއް ބައިޑައަށް ލިބިވަޑައިގެންފިނަމަ ޑިމެކްރެޓުންގެ ބޮޑު ތާއީދެއް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ޑިމޮކްރެޓުން ދެކެ އެވެ.
ޖޯ ބައިޑަންގެ މަގުބޫލުކަން ބެލުމަށް އެސޯސިއޭޓް ޕްރެސް އިން ޚިޔާލު ހޯދަން ނެގި ވޯޓަކުން އެ މަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ 47 ޕަސެންޓެވެ.
ޖުމުލަ ގޮތެއްގައި މުޅި އެމެރިކާގައި ވެސް ބައިޑަން އަށް އޮތް ތާއީދު ދަށެވެ. ގިނަ ބަޔަކު އެދެނީ ބައިޑަން ވާދަނުކުރެއްވުމަށެވެ. އޭޕީގެ ވޯޓުން ދައްކާ ގޮތުން އާންމު އާބާދީގެ 56 ޕަސެންޓް މީހުން ބައިޑަންއަށް ތާއީދެއް ނުކުރެ އެވެ.
އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ބައިޑަން ނުކުންނަވާއިރު އުމުރުފުޅުން 82 އަހަރު ފުރޭނެ އެވެ. އަދި ދެވަނަ ޓާމެއް ފުރިހަކުރެވޭ ގޮތް ވެއްޖެ ނަމަ އެހާ ހިސާބުގައި 86 އަހަރު ފުރޭނެ އެވެ.
ބައިޑަންއަށް ވޯޓު ދޭން ބޭނުންވި ނަމަވެސް ގިނަ ބަޔަކު ދައްކާ އުޒުރަކީ އެ މަނިކުފާން މާބޮޑަށް ދޮށިވުމެވެ. އެމެރިކާ ކަހަލަ މުޅި ދުނިޔެއާ ވާދަކުރަން ޖެހިފައި އޮތް ގައުމެއްގައި އެހާ ދޮށީ ރައީސަކު ހުންނެވުމަކީ ގައުމުގެ ހައިސިއްޔަތަށް އަސަރުކުރާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.