ރައްޔިތުންގެ މަޖިލިސް

ކޮތަޅުން ފީ ނެގުމުގެ އިސްލާހުގެ ބަހުސް ފަށަނީ

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ކުރަން ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ އިސްލާހަށް ބަހުސްކުރަން އެޖެންޑާކޮށްފި އެވެ.

ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިމަހުގެ 18 ވަނަ ދުވަހު އެވެ. ކޮތަޅުން ފީ ނަގަން ފެށުމާ ގުޅިގެން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ކޮތަޅުން ފީ ނަގަން ފެށުމާ އެކު އެ މައްސަލަ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް ކުރިމަތިވެ މައްސަލަ ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފަ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހަށް މިހާރު އިސްލާހު ހުށަހަޅުއްވާފައިވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ.

ކޮތަޅުން ފީ ނަގާ މައްސަލަ ހައްލުކުރަން ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް މާދަމާ ކުއްލިއަކަށް ބަހުސްކުރަން ތައްޔާރުވީ ނަމަވެސް މިއިސްލާހުތައް ހިމެނޭ ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެކަމަކު މަޖިލިސް މިހަފްތާ ޗުއްޓީއަށް ދާތީވެ ކޮތަޅުން ފީ ނަގާ މައްސަލަ ހައްލުކުރަން ހުށަހަޅާފައިވާ އިސްލާހު މި ހަފްތާގެ ތެރޭގައި މަޖިލީހަށް ފާސްކުރެވިދާނެ ކަމާ ދޭތެރޭ އެމްއެންޕީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ސުވާލު އުފައްދަވާފަ އެވެ.