ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރަން ނަޝީދު ދެކޮޅު ހައްދަވާފައި މިވަނީ ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ނަގަމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ. އަދި ޕްލާސްޓިކް ކޮތަޅުން ފީ ނެގުން އިސްތިސްނާ ކުރަން ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ އިސްލާހަށް ބަހުސްކުރަން އެޖެންޑާ ވެސް ކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޓެކްސް ބޮޑުކޮށްގެން ކަމަށެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ނިންމާފައިވަނީ އެކަން އެނގިތިބެގެން ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މިމަހުގެ ތެރޭގައި ބޮޑުކުރުމަށްފަހު ހަމަ މިމަހުގެ ތެރޭގައި އެ ފީ ކުޑަކުރަން ސަރުކާރުން މަސައްކަތް ފެށުމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ "ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ" އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހަށް މިހާރު އިސްލާހު ހުށަހަޅުއްވާފައިވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ.