ލައިފްސްޓައިލް

އަންހެންމީހާއަށް އަނިޔާވެފައިވާތީ ކައިވެނި ކުރީ އުރާލައިގެން

އަންހެންމީހާ އުރާލައިގެން ފިރިހެންމީހާ ކައިވެނީގެ ރަސްމިއްޔާތުތައް ފުރިހަމަ ކުރާ ތަން ބައެއް ހިންދީ ފިލްމުތަކުން ފެނެ އެވެ. އެގޮތުން އާމިރު ޚާނާއި މަނީޝާ ކޮއިރާލާގެ "މަން"ގައި މިފަދަ މަންޒަރެއް ދައްކާފައި ވެއެވެ. އަދި ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ "ވިވާ"ގައި ވެސް މިފަދަ މަންޒަރެއް ހިމެނެ އެވެ. ނަމަވެސް ފިލްމަކުން މިފަދަ މަންޒަރެއް ފެނުމާއި ހަގީގަތުގައި ފެނުމާ ވަރަށް ތަފާތެވެ. މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑީއޯ ބެލި މީޙުންނަށް އެހާ ފުން އަސަރުތަކެއް ކުރީ އެހެންވެ އެވެ.

މި ވީޑިއޯގައި ފެންނަނީ އިންޑިޔާގައި ކުރިޔަށް ދިޔަ ކައިވެނީޣެ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތުގައި ފިރިހެންމީހާ ހުންނަނީ އޭނާ ކައިވެނިކުރާ އަންހެންމީހާ އުރާލައިގެންނެވެ.

މި ވީޑީއޯއާ ގުޅޭ ޚަބަރުގައި ބުނެފައިވާ ޣޮތުގައި މި ދެ މީހުންގެ ކައިވެންޏަށް މަދު ދުވަސްތަކަކަށް ވެފައި އޮއްވާ އަންހެންމީހާ އެކްސިޑެންޓެއްގެ ވަރަށް ބޮޑަށް ޒަޚަމްވީ އެވެ.

މި ޚަބަރުގައިވާ ގޮތުން މި އަންހެންމީހާ އަކީ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝަތަކްޝީ ބާރްވޭ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ކައިވެނިކުރީ ޕްރަތީކް މޯދީ އާއެވެ.

ކައިވެންޏަށް 45 ދުވަހަށް ވެފައި އޮއްވާ ޝަތަކްޝީ ވަރަށް ބޮޑު އެކްސިޑެންޓެއްގެ ވަރަށް ބޮޑަށް އަނިޔާވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނެވެ. އަދި އެތައް ސާޖަރީއެއް ހަދައި އައިސީޔޫގައި ވެސް އެތައް ދުވަހަކު އޮންނަން ޖެހުނެވެ.

"އައިސީޔޫގައި އޮތްއިރު ވެސް އޭނާ (ޕްރަތީކް) އަހަރެން ކައިރީގައި އަބަދު ކަހަލަ ގޮތަކަށް އިން. އަދި އަހަންނަށް ލޭ ވެސް ހަދިޔާކުރި. އެންމެ ފަހުން 45 ދުވަސް ފަހުން ފައިގައި އަޅާފައިހުރި ޕްލާސްޓަރުތައް ނެގުމަށްފަހު ދެ މީހުން އެންގޭޖްވީ. އެކަމަކު އޭރުވެސް ރަނގަޅަކަށް ނުވެސް ހިނގޭ،" ޝަތަކްޝީ ބުނެފައި ވެއެވެ.

ނަމަވެސް ޝަތަކްޝީ މުޅިން ފަސޭހަވަންދެން ކައިވެނި ލަސްކުރާކަށް ޕްރަތީކް ބޭނުމެއް ނުވި އެވެ. އެހެންވެ ކަނޑައެޅިފައިވާ ތާރީޚުގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ އެވެ. އަދި އެ ހުރިހާ ރަސްމިއްޔާތެއް އޭނާ ފުރިހަމަ ކުރީ ޝަތަކްޝީ އުރައިގެން ހުރެ އެވެ.

މި ޚަބަރަށް ކޮމެންޓުކުރި ގިނަ މީހުން ބުނީ މިއީ ހަގީގީ ލޯބީގެ މިސާލެއް ކަމަށެވެ. އަދި މިޒަމާނުގައި ޕްރަތީކް ކަހަލަ ފިރިހެނުން ވަރަށް މަދުން ނޫނީ ނުފެންނާނެކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.