- ގިނަ ޓޫރިސްޓުން އަންނަނީ ބައިވެރިއާއެކު
- ޓޫރިސްޓުން 4-7 ރޭ ރާއްޖޭގައި ހޭދަކުރޭ
- ރާއްޖޭގައި އެންމެ ގިނަ ދުވަސް ހޭދަކުރަނީ ޖަރުމަނު މީހުން
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ލިބޭ ހިދުމަތްތަކުގެ ތެރެއިން ޓޫރިސްޓުން އެންމެ ގަޔާވަނީ އިމިގްރޭޝަންގެ ހިދުމަތާމެދު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި މިދިޔަ އަހަރުގެ ފަހުކުއާޓަރުގައި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ސާވޭއިން ދައްކާ ގޮތުން ގިނަ ޓޫރިސްޓުން އެންމެ ގަޔާވަނީ އިމިގްރޭޝަންގެ ހިދުމަތާމެދުގަ އެވެ. އަދި ދެން އެންމެ ގަޔާވަނީ ޗެކިންގެ ހިދުމަތާއި ކަސްޓަމްސްގެ ހިދުމަތެވެ. އަދި އައިއެންއައިއޭގައި އެންމެ ހިދުމަތް ދަށްކަމަށް ބުނެފައިވަނީ ބޭންކިންގެ ހިދުމަތެވެ.
ގާތްގަނޑަކަށް 1،800 އެއްހާ ޓޫރިސްޓުންގެ މެދުގައި ކޮށްފައިވާ މި ސާވޭއިން ދެއްކި ގޮތުގައި ރާއްޖެއަށް ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ބައިވެރިޔާ ނުވަތަ އާއިލާއާއެކުގަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 65 ޕަސެންޓް މީހުން އަންނަކީ ބައިވެރިޔާއާއެކުގަ އެވެ. އަދި 21 ޕަސެންޓް މީހުން އަންނަނީ އާއިލާ ގޮވައިގެންނެވެ.
މި ސާވޭއިން ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ 55 ޕަސެންޓް މީހުން ރާއްޖޭގައި 4-7 ރޭ ހޭދަ ކުރެ އެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ދުވަހު ތިބެނީ ޖަރުމަނު ޓޫރިސްޓުންނެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ރިޕީޓް ޓޫރިސްޓުން އަންނަނީ ޖަޕާނުންނެވެ.