ފިނިޕޭޖް

"ވާޓިގޯ"ގެ ރީމެކްގައި ރޮބަޓް ޑައުނީ ޖޫނިއާ؟

އަލްފްރެޑް ހިޗްކޮކް 1958 ގައި ނެރުނު "ވާޓިގޯ"ގެ ރީމޭކްއެއް ހަދަނީ އެވެ.

ޕެރެޕެމައުން ޕިކްޗާސް އިން މި ރީމޭކް ނެރޭއިރު، މި ޕްރޮޖެކްޓްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޓީމް ޑައުނީގެ ފަރާތުން ރޮބަޓް ޑައުނީ ޖޫނިއާ އާއި އަންހެނުން ސޫޒަން ޑައުނީ ހިމެނެ އެވެ. އަދި މި ފިލްމްގެ ލީޑް ރޯލް ކުޅުމަށްވެސް ރޮބަޓް ބަލަމުންދެ އެވެ.

"މާސްޓާ އޮފް ސަސްޕެންސް"ގެ ގޮތުގައި ބެލެވޭ ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްއަކީ "ސައިކޯ"، "ބާޑްސް"، "ރިއާ ވިންޑޯ"، "ނޯތް ބައި ނޯތްވެސްޓް" އަދި "ސްޓްރޭންޖާސް އޮން އަ ޓްރޭން" ފަދަ މޮޅުކަމަށް ފާހަގަކޮށްލެވޭ އެތައް ފިލްމެއް ހަދާފައިވާ މީހެކެވެ.

އެގޮތުން "ވާޓިގޯ" އަކީ ހިޗްކޮކްގެ އެންމެ މޮޅުކަމަށް ބެލެވޭ އެއް ފިލްމެވެ.

ޖިމީ ސްޓުވާޓް އާއި ކިމް ނޯވެކްގެ މި ފިލްމަކީ ފްރެންޗް ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގައި ޖިމީ ސްޓުވާޓް އަދާކުރީ ކުރީގެ ޑިޓެކްޓިވްއެއްގެ ރޯލެވެ. އަދި އޭނާގެ ރައްޓެއްސެއްގެ އަންހެނުންނަށް (ކިމް) ފާރަލާން ޖެހި، ހީނުކުރާ ކަންތައްތަކެއް ދިމާވެ އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ހިޗްކޮކްގެ "ސައިކޯ" އާއި "ރިއާ ވިންޑޯ"ގެ ރީމޭކް ހަދާފައިވާއިރު، ދާދި ފަހުން "ސްޓްރޭންޖާސް އޮން އަ ޓްރޭން"ގެ ޕްލޮޓަށް ބިނާކޮށް "ޑޫ ރިވެންޖް" ހަދާފައިވެ އެވެ.