އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއްވެސް ގެއްލިގެންދިޔަ ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ސަރަހައްދެއް ގެއްލުމުގެ ފުރުސަތު މަޖިލީހުން ނުދޭނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އެއްބަސްވުމެއްވެފައިވީ ނަމަވެސް އަދި ކޯޓަކުން ނިންމުމެއް ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދާއި ގުޅޭ ގޮތުން ގޮތް ނިންމޭނީ މަޖިލީހުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެން ކަމަށެވެ. އެކަން ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށް ވިދާޅުވި އެވެ.
ސަރަހައްދު ކުޑަކުރަން މަޖިލީހުން ހިންގަންޖެހޭ އިޖުރާއަތްތައް ހިންގަވާނެ ކަމަށާއި ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ މެންބަރުންނަށް ފެނިވަޑައިގަންނަވާނަމަ ކަމަށެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމްކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ބައެއް މެންބަރުން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިޓީ ފޮނުއްވެވުން ކުށްވެރިކުރައްވައި އެ ސިޓީ އަނބުރާ ގެނައުމަށް ގޮވާލައްވައިފި އެވެ.