ފިނިޕޭޖް

އާނޯލްޑް ޝްވަޒެނޭގާ އެކްޝަން ފިލްމަށް އަނބުރާ އަންނަނީ

އުމުރުން 75 އަހަރުގެ އާނޯލްޑް ޝްވަޒެނޭގާ ހަތަރު އަހަރުގެ ބެރޭކަކަށްފަހު އަނބުރާ އެކްޝަން ފިލްމަކުން ބޮޑު ސްކްރީނަށް އަންނަނީ އެވެ.

ޑެޑްލައިން އިން ރިޕޯޓްކުރާ ގޮތުގައި އާނޯލްޑް ކުޅެން ހަމަޖެހިފައިވަނީ "ބްރޭކްއައުޓް" ކިޔާ ފިލްމެކެވެ.

މި ފިލްމްގައި އާނޯލްޑް ކުޅެނީ ޓެރީ ރެނޯލްޑްސް ކިޔާ މީހަކު އޭނާގެ ދޮން ދަރި، ބޭރު ގައުމެއްގެ ޖަލަކުން ނެރެން މަސައްކަތްކުރާ މީހެއްގެ ރޯލެވެ.

ޓެރީގެ ދޮން ދަރި ޖަލަށް ލަނީ ދޮގު ތުހުމަތަކަށެވެ. ޖަލުގެ ކަންތައް ބޮޑު ވޯޑަން އަތުން ސަލާމަތްވެ، ވަކި ވަގުތެއްގެ ތެރޭގައި އެމީހުންގެ އަތްދަށުނުވެ ގައުމުން ފުރަން މަސައްކަތް ކުރާނެ އެވެ.

"ބްރޭކްއައުޓް"ގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު އިރުމަތީ ޔޫރަޕްގެ ގައުމެއްގައި ފަށާނެ އެވެ.

މި ފިލްމް ސްކޮޓް ވޯ ޑައިރެކްޓްކުރާއިރު، ވޯ މިވަތު ދަނީ ސިލްވެސްޓާ ސްޓެލޯން އާއި ޖޭސަން ސްޓޭތަމް އާއެކު އެކްޝަން ފިލްމް "އެކްސްޕެންޑަބަލްސް 4" ގެ މަސައްކަތްކުރަމުންނެވެ. އާނޯލްޑް ވަނީ "އެކްސްޕެންޑަބަލްސް"ގެ ފުރަތަމަ ތިން ފިލްމުގައި މަސައްކަތްކޮށްފަ އެވެ.

އާނޯލްޑް އެންމެ ފަހުން ކުޅެފައިވަނީ 2019 ގައި ނެރުނު "ޓާމިނޭޓާ: ޑާކް ފޭޓް" އެވެ. އާނޯލްޑް ފުރަތަމަ ފަހަރަށް ސްކްރިޕްޓަޑް ޓީވީ ސީރީޒެއް ކަމުގައިވާ ނެޓްފްލިކްސްގެ "ފުބާ" މިހާރު ކުޅެމުންދާއިރު، 2019 ގައި ޝޫޓްކުރި "ކަންގ ފިއުރީ 2" މިހާރު ވަނީ ޕޯސްޓް ޕްރޮޑަކްޝަންގަ އެވެ. އަދި 1988 ގައި ޑެނީ ޑިވީޓޯ އާއެކު ކުޅުނު ކޮމެޑީ "ޓްވިންސް"ގެ ސިކުއެލް، "ޓްރިޕްލެޓްސް"ގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޑެޑްލައިން އިން ރިޕޯޓްކުރެ އެވެ.