ވިޔަފާރި

އިންޑިއާގެ ފެއާއެއްގައި އައްޑޫ އަންހެނުން ރާއްޖެ ތަމްސީލުކުރަނީ

އިންޑިއާގައި މިހާރު ކުރިއަށްދާ "ސޫރަޖް ކުންޑް އިންޓަނޭޝަނަލް ފެއާ 2016" ގައި ރާއްޖެ ބައިވެރިވެއްޖެ އެވެ. މިއީ މި ފެއާގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި ފެއާގައި ރާއްޖެ ތަމްސީލުކުރާ، އައްޑޫ ވުމެންސް އެސޯސިއޭޝަންގެ ފަރާތުން އަވަސްއަށް މައުލޫމާތު ދެމުން އެސޯސިއޭޝަންގެ ސެކްޓްރީ ޖެނަރަލް ޝަފްގާ ޝަފީގު ބުނީ، ފެއާގައި 52 އައިޓަމް ބައިވެރިކޮށްފައިވާނެ ކަމަށާއި މި ފެއާއަކީ އެސޯސިއޭޝަންތަކާއި ހުނަރުވެރި އަންހެނުންނަށް އަދި ހުނަރު ދަސްކޮށްދޭ ފަރާތްތަކަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އައްޑޫ ވުމެންސް އެސޯސިއޭޝަންގެ އިތުރުން "އޭލް"، "ޑަބްލިއުއޭސީއޭއެމް" އަދި ބިދަބިން ގުރޫޕް ވެސް މިފެއާގައި ބައިވެރިވެ އެވެ.

"މިފަދަ ފުރުސަތުތަކަކީ ހާއްސަކޮށް އެސޯސިއޭޝަންތަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އައްޑޫ ވުމެންސް އެސޯސިއޭޝަންއިން ދެކެން، މި ފުރުސަތުގައި އިންޑިއަން ހައިކޮމިޝަނަށް އައްޑޫ ވުމެންސް އެސޯސިއޭޝަންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ޝަފްގާ ބުންޏެވެ.

އައްޑޫ ވެމެންސް އެސޯސިއޭޝަނަކީ މަސައްކަތްތެރި އަންހެނުންތަކެއް ބިނާކުރުމާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކިއެކި ރޮނގުތަކުން ގިނަ އަދަދަކަށް އަންހެނުން ތަމްރީނުކުރުމާ އެކިއެކި ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. އަދި ދާދިފަހުން ވަނީ އަންހެނުންނާއި ކުޑަކުދިންނަށްކުރާ އަނިޔާއާ ދެކޮޅަށް ކަލެންޑަރެއް ވެސް ޕަބްލިޝްކޮށްފަ އެވެ.