ދުނިޔެ

ސިންގަޕޫރަށް ޑްރަގު އެތެރެކުރި މީހަކު ދަންޖައްސައިފި

ސިންގަޕޫރަށް ޑްރަގް -- އެއްކިލޯ ކެނަބިސް އެތެރެކުރަން ރޭވިކަން ސާބިތުވެ އިންޑިއާ ނަސްލުގެ ސިންގަޕޫރު ރައްޔިތަކު ދަންޖައްސައި މަރާލައިފި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ތަންގަރާޖު ސުޕްލާ ނަމަކަށް ކިޔާ މި މީހާ މެރުމަށް ސިންގަޕޫރުގެ ޕްރެސެކިޔުޓަރުން ނިންމާފައިވަނީ ބައިނަލްއަގްވާމީ ޕްރެޝަރަށް ނުބަލަ އެވެ.

ޑްރަގު އެތެރެކުރާ މީހުންނަށް ދޭ އެންމެ ބޮޑު އަދަބަށް ލުއިދީ ހައްޔަރު ކުރުމަށް -- އިންސާނީ ހައްގުތަކާ ބެހޭ އޭޖެންސީތަކުންނާއި އދ. އިން ވެސް ވަނީ ސިންގަޕޫރުގައި އެދިފަ އެވެ.

ސިންގަޕޫރުގެ ޕްރިޒަން ސާވިސް އިން އޭއެފްޕީއަށް ބުނި ގޮތުގައި ތަންގަރާޖު ސުލްޕާ، 46، ދަންޖައްސައި މެރީ މިއަދު ޗަންގީ ޕްރިޒަން ކޮމްޕްލެކްސްގަ އެވެ.

އޭނާގެ ކުށަށް އޮތް އަދަބު ލުއިކޮށްދިނުމަށް އާއިލާގެ ފަރާތުން ސިންގަޕޫރުގެ ރައީސްއަށް ދެންނެވި ނަމަވެސް އަދަބު ލުއިކޮށްދެވެން ނެތް ކަމަށް ރައީސް ވިދާޅުވި ކަމަށް އާއިލާއިން ބުނެ އެވެ.

ސިންގަޕޫރަށް ޑްރަގު އެތެރެކުރާ މީހުންނަށް އޮންނަނީ މަރުގެ އަދަބެވެ. މިއީ އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކުރާ މީހުންނަށް ވަރަށް ބޮޑު މައްސަލައެކެވެ.

ދުނިޔެއަށް މަޝްހޫރު އަދި މަހުޖަނުންގެ ގޮތުގައި ތިބި ބޮޑެތި ވިޔަފާރިވެރިން ވެސް ވަނީ ސިންގަޕޫރުން ދަމަހައްޓަމުން ގެންދާ މި ސިޔާސަތު ބަދަލުކުރުމަށް ޕްރެޝާރުކޮށްފަ އެވެ.

ސިންގަޕޫރަށް ޑްރަގު އެތެރެކުރަން މަސައްކަތްކުރިކަން ތަންގަރާޖު ސުޕްލާއަށް ތުހުމަތު ކުރެވުނި 2017 ގައެވެ. އޭނާ އެތެރެކުރަން މަސައްކަތްކުރި ކަމަށް ވަނީ 1،017.9 ގްރާމްގެ ކެނަބިސް އެވެ. މިއީ މަރުގެ އަދަބުން ސަލާމަތްވެވޭ ވަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ.

މި މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖައްސައި ތަންގަރާޖު ސުޕްލާ މަރަން ހުކުމްކުރީ 2018 ގައެވެ. އެހެން ނަމަވެސް. އިސްތިއުފާނުގެ މުއްދަތު ދިގުދެމިގެން ދިއުމުން އަދަބު ތަންފީޒުކުރުން ލަސްވެގެން ދިޔައީ އެވެ.