އޮފްބީޓް

ޒިކާ ވައިރަސްގެ އެންމެ ބޮޑު ގެއްލުން ޓާޓާ ކުންފުންޏަށް!

Feb 3, 2016

އިންޑިއާގެ ފަސް ވަނަ އަށް އެންމެ ބޮޑު ކާރު ކުންފުނި ކަމުގައިވާ ޓާޓާ މޮޓޯސް އަށް ޒިކާ ވައިރަސްގެ އަސަރުކޮށްގެން އުޅެނީ ނިކަން އާދަޔާހިލާފު ގޮތަކަށެވެ. އެމީހުން އަލަށް ބާޒާރަށް ނެރުމަށް ފަރިކުރަމުން ދިޔަ ކާރަކަށް ދީފައިވާ ނަން "ޒިކާ ވައިރަސް" އާ މާ ބޮޑަށް ގުޅޭތީ މި އުފެއްދުން އެއްކޮށް ރީބްރޭންޑް ކުރަން ޖެހުނީ އެވެ.

އިންޑިއާގެ މަޝްހޫރު ޓާޓާ ކުންފުނީގެ ކާކު ގޮފިން މިއަދު ނިއު ދިއްލީގެ މޮޓޯ ޝޯއެއްގައި ދައްކާލަން ހަމަޖައްސާފައިވާ މި އާ ކާރަށް ވެސް ދީފައިވާ ނަމަކީ ޒިކާ އެވެ. އެކަމަކު އިނގިރޭސި އަކުރުތަކުން ލިޔެފައިވާއިރު ޒިކާ ވައިރަސްގައި ބޭނުންކޮށްފައިވާ "ކޭ" އަކުރުގެ ބަދަލުގައި އޮތީ "ސީ" އެކެވެ.

ލިޔެފައި އޮތް ގޮތް މުޅިން އެއްގޮތްކަމުގައިނުވިޔަސް ޓާޓާގެ މި ކާރެއްގެ ވާހަކަ ދައްކާއިރު އެ ދައްކަނީ ވައިރަހެއްގެ ވާހަކަކަން ނޭނގޭ މިންވަރަށް މި ނަމުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ. ޓާޓާ މޮޓޯސް އިން ބުނެފައި ވަނީ އެ ވެހިކަލް ރީބްރޭންޑްކޮށް އާ ނަމެއް ދޭން ނިންމީ ފަރުދީ ޒިންމާއެއް ކުންފުނީގެ ބޮލުގައި އެޅިފައިވާކަން އިހްސާސްކުރެވޭތީ ކަމަށެވެ.

ޒިކާ ވައިރަސްގެ ނުރައްކަލާ އެކު ޓާޓާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު އެމީހުންގެ މި އާ ކާރަކީ މަތީފަންތީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އުފެއްދި ކާރެކެވެ. އަދި ޒިކާ ކާރުގެ އިޝްތިހާރުތަކުގައި އާޖެންޓީނާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބޭނުންކޮށްފައި ވަނީ ކާރުގެ ޕްރޮމޯޝަން ހާއްސަކުރުމަށެވެ.


ދެކުނު އެމެރިކާގެ ގައުމުތަކުން މިދިޔަ އަހަރުގެ މެދުތެރޭގައި ފެތުރެން ފެށި ޒިކާ ވައިރަސްގެ ބަލިމަޑުކަމުގެ އަސަރު މިހާރު ވަނީ ވިއްސަށް ވުރެ ގިނަ ގައުމަކުން ފެނިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މި ވައިރަސްގެ ނުރައްކާ ދުނިޔެ ކުއްލި ހާލަތަކަށް ގެނެސްފާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އީޑިސް މަދިރީގެ ޒަރިއްޔާ އިން ހަމައެކަނި ފެތުރޭ ކަމަށް ކުރިން ގަބޫލުކުރެވިފައިވީ ނަމަވެސް ޒިކާ ވައިރަސް ދަނީ ޖިންސީގުޅުމުން ވެސް އެކަކު އަނެކަކުގެ ގަޔަށް އަރަމުންނެވެ.

މި ވަގުތަށް ޒިކާ އަށް ވެކްސިނެއް ނެތެވެ.