ކަނޑުގެ ރާޅުތައް ރުޅިއައިސް ރަތްވެފައިވާ ކަހަލައެވެ. އެ ހުރިހާ ރުޅިއެއް ބަލާލަން ލިބުނީ އަހަރެން އަރާ އިން ލާންޗަށް ކަހަލައެވެ. ލޮނުގަނޑުތެރެއަށް ލާންޗުގަނޑު ޖަހަމުންދާއިރު ދެންމެދެންމެ މެދުން ބިންދައިގެން ހިނގައިދާނޭ ހީވެއެވެ. ފުރީއްސުރެ ކެރި ކަނޑައިގެން ނުދެއެވެ. ދޭތެރެއަކުން ވާރޭ ބޯކޮށްލާނެއެވެ. ކަނޑައިގެންދާ ވިދުވަރާއެކު ބާރު ގުގުރީގެ އަޑު އިވިގެންދެއެވެ. ދުރުދުރުން ކަޅުކަން ގަދަ ބޯވިލާތަކުން ދުނިޔެމަތި އޮތީ ބައްދާ އަނދިރިކޮށްފައެވެ. ލާންޗުގެ ވަށައިގެން ވައްޓާލައިފައިވާ ކަވަރުގަނޑުގައި ވައިހިފާ ތެޅިގަންނަނީ ކަންފަތް ބުޑުންނެވެ. މެދުކެނޑުމެއްނެތި ގުގުރުމެކޭ އެއްވަރެވެ. ލާންޗުގައި އަހަރެން އިންއިރު އަހަރެންގެ މޫޑު ހުރީ އެ އަނދިރި މޫސުން ފަދައިންނެވެ. އާދެވިފައިވާ ރުޅި އަދިވެސް ހިތުގައި އަނދައަނދާ އެބައޮތެވެ. އެތައްހާސް ސުވާލެއް އަދިވެސް ހިތުގައި ބޮނޑިވެފައި އެބަހުއްޓެވެ. އެ ޚިޔާލުތައް އާވާ ކޮންމެ ފަހަރަކު ލިބޭ ނުތަނަވަސްކަމެއްގެ ބޮޑުކަމުން އަދިވެސް އަހަންނަށް ދަތްކުނޑިވިކައިގަނެވެއެވެ. އެހެންނަމަވެސް މި ލާންޗަށް އަހަރެންގެ އެކުވެރިޔާ އިތުމީނާއާއެކު އެރީ އެ ޚިޔާލުތަކާ ދުރުވެ ދުވަސްކޮޅަކަށް މާޙައުލު ބަދަލުކޮށްލަން ގަސްދުކޮށެވެ. އެތައް ދޮގުތަކެއް ހަދައިގެން އޮފީހުން ދިގު ޗުއްޓީއެއް ނެގީ އެހާ އަވަހަށް އަހަރެން މާލެ އަންނަން ބޭނުންނުވާތީއެވެ. އަހަރެން ނެތުމުން އެމީހުންނަށް ދަތިވާނޭކަން ވެސް އެނގެއެވެ. ޗުއްޓީއެއް ކުއްލިއަކަށް ނުދޭން ވެސް ވަރަށް މައްސަލަ ޖެއްސިއެވެ. އެކަމަކު އަހަރެން މިވަނީ މަސައްކަތެއް ކުރެވޭ ފަދަ ހާލަތެއްގައެއްނޫނެވެ. ދިގު ޗުއްޓީއެއް އަމިއްލަ ނަފްސަށް ބޭނުންވެފައިވަނީ ނުހަނު ބޮޑަށެވެ.
މި ދަތުރަށް އަހަރެން ތައްޔާރުވާކަން އެނގުނީއްސުރެ މަންމަގެ އަނގަ ގަދަވެއްޖެއެވެ. މައްސަލައަކީ މަންމަމެންނަށް ނުފެންނަ ހިސާބަކަށް އެކަނި ދާން އުޅޭތީއެވެ. އުމުރުން ސައުވީސް އަހަރުވެފައި ހުއްޓެއްކަމަކު އަހަރެންނާ މެދު އޮތް މަންމަގެ އެ ކަންބޮޑުވުން ފިލައިގެނެއް ނުދެއެވެ. ހުރިހާކަމަށްވުރެ ބޮޑަށް ކަންބޮޑުވަނީ އިތުމީނާމެން ރަށުގައި މަންމައާއި ބައްޕަ ދަންނަ މީހަކު ވެސް ނޫޅޭތީ ކަމެއްދަމެއް ބޮޑުވިޔަސް އަހަރެންގެ ހާލު އެނގޭގޮތް ނުވެދާނެތީއެވެ. އެހެންވިޔަސް ބައްޕައަށް އަހަރެންގެ ހާލު ވިސްނުނެވެ. ދިރިއުޅުމަށް ކުއްލިއަކަށް މިގެންނަން ނިންމި ބަދަލުގެ ހަޤީޤަތް ނޭނގޭ މީހަކު މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަގެ ހަމްދަރުދީގެ ފައިދާ އެންމެ ފުރިހަމައަށް އަހަރެން ނެގީމެވެ. މަންމައަށް ބައްޕަ ވިސްނައިދީ އަހަރެން މި ދަތުރު ފޮނުވުމަށް އެއްބަސްކުރުވިއެވެ. އަހަރެން ދަތުރު ހެދީ އެތައްބައެއްގެ ސުވާލުތަކަށް ފިލާށެވެ. އަހަރެން ކަމެއްނުކުރި ނަމަވެސް އެތައްބައެއްގެ ކުރިމަތީ ލަދުގަންނަން ޖެހުނީތީ އެ ލަދުވެތިކަމުން ފިލާށެވެ.
ލާންޗުގައި އަހަރެންގެ ކުރިމަތީ ހުރި ގޮނޑީގައި އިނީ އިތުމީނާއެވެ. ދަބަހުގައި ބަގުޑިބައްދައިގެން އިނދެ އޭނާ ތުންތަޅުވަމުންދިޔައެވެ. ގުގުރައިގަންނައިރަށް އޭނާ ދެ ލޯ މަރާބާރުކޮށްލައެވެ. އޭނާ އެއިނީ ބިރުން ފިތްކަނޑައިގެންދާވަރުވެފައެވެ. އަދި ދުލުން ހެޔޮއެއްޗެއް ކިޔޭތޯ މިފަދަ ބިރުވެރި ވަގުތެއްގައި ކޮންމެ މީހަކު ވެސް އުޅޭނެއެވެ. އަހަރެން ވެސް ވާރެޔާއި ގުގުރީގެ އަޑު އިވުމުން ދުޢާ ކިޔާލަމެވެ. އެކަމަކު އިތުމީނާއަށް ވެފައި އިންވަރެއް ނުވެއެވެ. އަހަރެންގެ ސިކުނޑިއާއި ހިތްވަނީ މިވަގުތުގެ ބިރުވެރިކަން އިޙްސާސް ކުރެވޭ ވަރަށްވުރެ އެހެން ހާސްކަމެއްގައި ބަނދެވިފައެވެ.
އަހަރެންނާއި އިތުމީނާގެ ދެމެދުގައި އެކުވެރިކަން ފެށުނީ ޑިގުރީއަށް ކިޔަވަން އުޅުނު ދުވަސްވަރުއެވެ. އެކުވެރިކަން އުފެދެން އޮތިއްޔާ އެބައެއްގެ ދެމެދުގައި އެކުވެރިކަން އުފެދޭނެކަން އަހަރެމެންގެ އެކުވެރިކަމުން އެނގޭނެއެވެ. އަހަންނާއި އިތުމީނާ ބައްދަލުވީ ބައެއް މާއްދާތައް ކިޔަވާ ކުލާސްތަކުންނެވެ. އެހެންވިޔަސް އޭނާއާއި އަހަންނާ ދެމެދު އިތުބާރު ހިފޭ އެކުވެރިކަމެއް އުފެދުނީއެވެ. އަހަރެން ޑިގުރީއަކުން ކިޔެވުން ނިންމާލި ނަމަވެސް އިތުމީނާ ރަށަށް އެދަނީ އެޑިއުކޭޝަން ދާއިރާއިން މާސްޓާސް ސަނަދު ނަގައިގެންނެވެ. އޭނާގެ ލަނޑުދަނޑުއަކީ ރަށަށް ޚިދުމަތްކޮށްދިނުމެވެ. އޭނާގެ މައިންބަފައިންނާއި ޢާއިލާ އޮތީ ރަށުގައެވެ. ކިޔަވާ ނިމިގެން އިތުމީނާ އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ލޯބިވެރިޔާ ވެސް ހުރީ ރަށުގައެވެ. އެހެންވެ އޭނާގެ ޚިޔާލާއި ފިކުރުގެ ތަސައްވުރުގައި ވެސް ހުރިހާކަމެއް ރޭވިފައިފަނީ ރަށުގައެވެ. ކިޔެވުމާއެކު މާލޭގެ ދިރިއުޅުން ވެސް ނިންމާލައި އޭނާ އެއްކޮށް ރަށަށް ބަދަލުވަނީއެވެ. މި ދަތުރަކީ އިތުމީނާ އަހަންނަށްދިން ދަޢުވަތެއްނޫނެވެ. ތެދަށް ބުނަންޏާ އޭނާ ރަށަށްދާން އުޅޭކަން އެނގި އޭނާގެ ފަހަތުން އަޅައިގަނެގެން މަތިންބައިން އަހަރެން ގެންދާށޭ ބުނެ އާދޭސްކޮށްގެން ހަމަޖެހުނު ދަތުރެކެވެ. އަހަރެންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިގެން ދިޔައީ "ޒިޔާން" އޭ ކިޔުނު ތޫފާނެއްގައި ޖެހިއެވެ. އެކަމުގެ ހަޤީޤަތް ރަނގަޅަށް އެނގޭ އެކަކީ އިތުމީނާއެވެ. އެހެންވެ އަހަރެންގެ ހާލު ވެސް އެންމެ ރަނގަޅަށް އެނގޭނީ އޭނާ އަށެވެ.
"ވަރަށް ގެންދާހިތްވޭ. އަދިއަމުދުން މިކަހަލަ ވަގުތެއްގައި އާނައަށް ހެލްޕްވާން ވެސް ބޭނުން. އެކަމަކު ކީއްކުރާނީ. އަހަރެމެން ގޭގައި އާނަ ބަހައްޓާނޭ ތަނެއްނެތީ" އިތުމީނާ ބުންޏެވެ. އެއީ އޭނާ ރަށަށް ބަދަލުވާން އުޅޭކަން ބުނަންވެގެން އަހަންނާ ބައްދަލުކުރި ދުވަހެވެ. ކުއްލިއަކަށް އޭނާއާއެކީ އަހަރެން ގެންދާށޭ ބުނީ އެ ދުވަހުއެވެ. އޭރު އިތުމީނާ ފުރުމުގެ ހުރިހާކަމެއް އޮތީ ހަމަޖެހި ނިމިފައެވެ.
"އަހަރެން ތަނެއް ހިފައިގެން ހުރެދާނަން. އަހަރެން ބޭނުމީ މިތަނުން ދާން." ކެތްތެރިކަމެއް ނެތި އަހަރެން ބުނެލީމެވެ.
އިތުމީނާ ރަށަށް ބަދަލު އެވަނީ ވަރަށް ފޮނި އުންމީދުތަކަކާއެކީކަން އަހަންނަށް އެނގެއެވެ. އޭނާ ކަންކަން ރާވަމުންދިޔައިރު އަހަންނަށް އެކަންކަން އައީ ކިޔާދެމުންނެވެ. ރަށަށް ދެވުމުން އެންމެ އަވަހަށް ކުރާނެކަމަކީ ޒަމާންވީ ލޯބިވެރިޔާ ޒަފަރުއާ ކައިވެނި ކުރުންކަން އިތުމީނާ ބުންޏެވެ. އޭނާގެ ގޭގައި އަހަންނަށް ހުރެވެންނެތީ އެހެންވެއެވެ. އިތޫ ބޭނުންވަނީ ކައިވެނިކޮށްގެން އޭނާގެ ގޭގައި ދިރިއުޅޭށެވެ. ކޮންމެގޮތެއްވިޔަސް މިގޮތަށް އާދޭސްކޮށްގެން ވިޔަސް އެމީހެއްގެ ފަހަތުންދާވަރުގެ އަހަރެންގެ ހުރީ އިތޫ އެކަންޏެވެ. މާލޭ ފަސްގަނޑުން ބޭރުވެ ދުވަސްކޮޅަކަށް އަހަރެން ދަންނަ އެންމެންނަށް ގެއްލިގެން އުޅެވެނިކޮށް އަހަންނަށް ނިމުނީއެވެ.
"ދޮންބެ ކައިރީ އަހަރެން ބުނާނަން. އެކޮޅުން ކޮޓަރިއެއް ހަމަޖެހޭތޯ ބަލައިދޭން. އާނަ މަންމަމެން ކައިރީ ބުނަން ޖެހޭނެއެއްނު. ހާދަ ހީނުވެޔޭ އާނަ މަންމަ ޤަބޫލުވެދާނެހެން." އިތުމީނާ އަހަރެން ގެންދަން އެއްބަސްވިއެވެ. އެހިސާބުން އަހަރެންގެ މަންމަގެ ރުހުން ހޯދުން އަހަންނަށް ދޫކޮށްލަން އެކުވެރިޔާ ގާތު ބުނީމެވެ.
ކުއްލިއަކަށް ލާންޗަށް އެރި ލޮޅުމާއެކު އިތޫ ފުންމައިގެން އައިސް އަހަރެންގެ ގާތުގައި އިށީނދެ އަތުގައި ބައްދައިގަނެއްޖެއެވެ. އަހަރެން ވެސް ދިޔައީ ސިއްސައިގެންނެވެ. ލާންޗުގެ އިންޖީނު ވެސް އެވަގުތު މަޑުކޮށްލިކަން ފާހަގަވިއެވެ. އަހަންނާއި އިތޫގެ އިތުރުން އެ ލާންޗުގައި އިތުރު ތިން މީހުން ތިއްބެވެ. އަހަރެން ވެސް ވީގޮތެއް އެނގޭތޯ ކައްޕިއާއި ދެ ފަޅުވެރީން އުޅޭގޮތް ބަލަން ބޯދިއްކޮށްގެން އިނީމެވެ. ވީގޮތެއް ނޭނގިގެން އުޅެނިކޮށް އަނެއްކާ ވެސް އިހުގެ ދުވެލީގައި ލާންޗު ނައްޓާލައިފިއެވެ.
އިތުރަށް ބައިގަޑިއެއްހާއިރު ދުއްވުމަށްފަހު ރަށަށް ފޭބުނީ ރޭގަނޑުގެ އަނދިރިކަމުގައެވެ. ސަލާމަތުން ރަށު ފަސްގަނޑުގައި ފައިޖެހުނީތީ އިތޫ ފުރަތަމަ ވެސް ޙަމްދު އެޅިއެވެ. އޭނާގެ ދޮންބޭބެ ހުރީ އޭރު ބަނދަރަށް އައިހެވެ. އަހަރެމެންގެ ކައިރިއަށް އައިސް އަހަންނަށް ބަލާލާފައި އިތޫގެ ފްރެންޑު ދޯއޭ އަހާލިއެވެ. ވާރޭވެހޭތީ ގިނަ ވާހަކަތަކެއް ދައްކަން ތިބެވޭކަށް ނެތެވެ. އިތޫގެ ދޮންބޭބެ ފޮށިތައް ކާރާހަމައަށް ގެންގޮސް އެއަށް އެރުވުމުގައި އުޅުނެވެ. ވާރޭގައި ތިބެ އެއްކޮށް ނުތެމެނީސް އަވަހަށް ގޮސް ކާރަ އަރަން އިތޫގެ ދޮންބޭބެ ބުނެލިއެވެ. އޭރު އަދި ކަންކަން ހަމަޖެހިފައި ހުރި ގޮތެއް ބުނާކަށް ވެސް ނޭނގެއެވެ. ކާރު ދުއްވާލި ހިސާބުން އަހަންނަށް އެނގުނީ އިހަށް މިދަނީ އިތޫމެން ގެއަށް ކަމެވެ.
އަހަރެންނެކޭ ކަނުމީހެކޭ އެއްވަރުވިއެވެ. ރޭގަނޑުގެ އެ އަނދިރިއާއި ބޯވާރޭގައި ތަނެއްދޮރެއް ވަކިކުރާކަށް ނޭނގިއެވެ. ރަށަށް އެރި ބީރައްޓެއްސަކަށް ވާނީ އެވަރުކަން އަހަރެންނަށް ވެސް ވިސްނެއެވެ. މި ދެވެނީ ކޮންކޮން މަގުތަކަކުން ކަމެއް ނޭނގެއެވެ. އެކަމަކު މަގުތަކުގައި އަޑިގުޑަންތައް އެހާމެ ގިނައެވެ.
"އެއީ ވާހިދު ދޮންބެ." ކާރުގައި އިނދެފައި އަހަރެންގެ ފައިގައި ކޮއްޓާލާފައި އިތޫ ބުންޏެވެ. ކުރީ ސީޓުގައި ޑްރައިވަރާ ޖެހިގެން އިން އިތޫގެ ދޮންބެއަށް ބަލާލާފައި އެހެންހެއްޔޭ އަހާލާ ފަދައިން އަހަރެން ބޯޖަހާލީއެވެ.
އިތުމީނާގެ ޢާއިލާއާ ބައްދަލުނުވިޔަސް އެ ޢާއިލާގައި ތިބެނީ ކޮންބައެއްކަން އަހަންނަށް އެނގެވެ. އަދި އޭނާ އަކީ ޢާއިލާގެ އެންމެ ހަގަށް ކުރި ކުއްޖާއެވެ. އަހަންނާ އެ ޢާއިލާއާ ގާތްކަމެއް ނެތެވެ. އެކުވެރިކަން އުފެދިފައި އޮތީ ހަމައެކަނި އިތޫއާއެވެ. ތަނެއްދޮރެއް ވަކިނުވިޔަސް ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރުބަލަން އަހަރެން އިނީމެވެ. އޭގެ ދުވެލި ހުއްޓުމަކަށް އައުމާއެކު އަހަރެންގެ އަތުގައި އަތް ޖައްސާލާފައި ފައިބަންވީ ކަމުގައި އިތޫ ބުންޏެވެ. އަހަރެން އާ ވެފައި ނުހުރެ އިތޫ ހިނގައިގަތް ދިމާއަށް އައީމެވެ. އޭނާ ހުޅުވާލި ދޮރޯށިން އޭނާއާއެކު އެތެރެއަށް ވަދެގެން އައީމެވެ. ބޭރު ދޮރޯށްޓާއި މައިގެއާ ދެމެދު ގޯތީގައި ހުސްތަންކޮޅެއް އޮތެވެ. އެތަނުގައި ފަނޑުއަލިކަމެއް ވެރިވެފައި އޮތެއްކަމަކު މައިގެއަށް ވަދެވުމާއެކު މުޅިތަން އަލިވެގެން ހިނގައްޖެއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މަޑުމަޑު ނޫކުލައިގެ ފާރުތަކެވެ. ދެން އަޅައިގަތީ ދިމާ ކުރިމަތީ ހުރި ފާރުގައި ގެފުޅު ފެންނަން ހުރި ރަންކުލައިގެ ބޮޑު ގަޑީގައެވެ. އޭރު އަހަރެން ހުރީ ވެސް ގަޑިންވީއިރެއް އެނގެން ބޭނުންވެފައެވެ. އެ ގަޑި ފެނި އަހަރެންގެ ބޭނުން ފުދިއްޖެއެވެ. އަހަރެމެންނަށް ގެއަށް އާދެވުނު އިރު ރޭގަނޑު ނުވައެއް ޖަހަން ހުރީ ފަނަރަވަރަކަށް މިނެޓެވެ.
"ތިއާދެވުނީދޯ. ވިލާގަނޑު ބޮލަށް ލައިގެން ދޯ މިކޮޅަށް ނައްޓާލީ." ސިޓިންރޫމުގެ ސޯފާތަކާ ދުރުގައި އެއްފަރާތު ފާރުކައިރީ ހުރި ލެއްޕޭގޮތަށް ހުންނަ ފޮތި ސަރަންފީއެއްގައި އިނދެފައި ތެދުވި އަންހެނަކު ވާހަކަދައްކަން ފެށިއެވެ. ހިމަހަށިގަނޑަކާއި އަހަންނާއި އިތޫއަށްވުރެ ދިގު އިސްކޮޅެއް ލިބިފައިވާ އަންހެނެކެވެ. ބުރުގާއާއެކު މިޒަމާނުގެ އާބާޔާއެއްގައި އޭނާ ފެންނަނީ ޒުވާންކޮށެވެ. އިތޫގެ މަންމަ ވަނީ ނިޔާވެފައިކަން އަހަންނަށް އެނގެއެވެ. އެހެންވީމަ އެއީ އިތޫގެ މަންމައަކަށް ނުވާނޭކަން އެނގެއެވެ. އަނެއްކޮޅުން އިތޫގެ ދައްތައެކޭ ބުނާވަރަށްވުރެ އެ ދެ މީހުންގެ ސިފަ މާބޮޑަށް ވެސް ތަފާތެވެ.
"މިގޭތެރޭ އޮތްހާ ގަސްތަކަށް ފެންދޭކަށް ނުޖެހޭނެއެއްނު." ހިންޏެއް އައިސްފައި ހުރެ އިތުމީނާ ބުންޏެވެ.
"މީތަ އާނާ." އެ އަންހެންމީހާ އަހަންނަށް ބަލާލިއެވެ. އެއާއެކު އަހަރެންގެ އަތުގައި ހިފާ އިތުމާނާ ގާތްކޮށްލައިފިއެވެ.
"މީ އާނަ. އާނިޔާ... އާނަ މީޓް މައި ސިސް އިން ލޯ. ސީރަތު. ވާހިދު ދޮންބެގެ ވައިފް." އިތޫ އަހަރެމެންގެ ކުރިމަތީ ހުރި އަންހެން މީހާއާއި އަހަރެން އެކަކުއަނެކަކަށް ތަޢާރަފުކޮށްދިނެވެ. އެވަގުތު އިތޫގެ ވާހިދު ދޮންބެ އަހަރެމެންގެ ފޮށިތައް އެތެރެއަށް ވައްދައިފިއެވެ.
"ތެމުނުތަ؟ ފާޚާނާކޮށްލަން ބޭނުންވޭތަ." ވާހިދު ދޮންބެ އަހަންނާއި އިތޫއަށް ބަލާލާފައި އަހާލިއެވެ.
"އަހަރެން އޯކޭ." މާބޮޑަށް ނުތެމޭތީ އިތޫ ބަލާލީމާ އަހަރެން ނިކަން އަވަހަށް ބުނީމެވެ.
"އެހެންވިއްޔާ އެކުދީން ގޮވައިގެން ސީރަތް ބަދިގެއަށް ދާންވީނު. އަހަރެން ދާނަން ކޮޓަރިއަށް ފޮށިތައް ވައްދާލާފައި." ވާހިދު ދޮންބެ އެހެންބުނެ ފޮށިތަކައިގެން އުޅުނެވެ.
ސީރިތު ހިނގާށޭ ބުނަންވާއިރަށް އިތޫ ހިނގައިގެންފިއެވެ. އަހަރެން އެމީހުންގެ ފަހަތުން އައީމެވެ. ފޯނު ރިންގުވާންފެށީ އެވަގުތެވެ.
"ޔަގީން މަންމަ އެ ގުޅަނީ." އިތޫ ވަގުތުން ފަސްއެނބުރި އަހަންނަށް ބާލާލުމާއެކު ބުންޏެވެ.
އަތްދަބަސް ތެރެއިން ފޯނު ނަގާ ބަލާލުމާއެކު އަހަރެން ކައިރިޔަށް ހިނިއައެވެ. އިތޫ ބުނިއެއްޗެއް ދިމާވީމައެވެ. އަހަރެން ހީނލިގޮތުން އިތޫއަށް ވެސް އެކަން އެނގިއްޖެއެވެ. އަވަހަށް ކޯލު ނަގާށޭ އިތޫ ބުނެލިއެވެ.
"ހެލޯ." އަހަރެން ފޯނުކޯލަށް ޖަވާބު ދެމުން ކަންފަތުގައި ފޯނު ޖައްސާލީމެވެ.
"ދެވުނީތަ؟. ހާދަ ވިއްސާރައޭ. ތަންކޮޅެއް ކުރީން ވެސް މަންމަ ގުޅޭތޯ ބެލިން. ޔެލޯ އެލާޓް ނެރިއްޖެ. ދަތުރުނުކުރަން ބުނެފި." މަންމަގެ ކަންބޮޑުވުމާއި ހާސްކަން އެކުލެވިފައިވި އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ.
"މަންމާ. ހަމަޖެހިބަލަ. މިއައިސްވަނީ އިތޫމެން ގެއަށް. އަލްޙަމްދުލިއްﷲ ވިއްސާރައެއްކަމަކު ތި ޔެލޯއެލާޓެއްގައި ނުޖެހެނީސް މިތިބީ ސަލާމަތުން އާދެވިފައި. އަހަރެން ހަމަޖެހިގެން ގުޅާލަންތަ." އަހަރެން ބުނީމެވެ.
"އަލްޙަމްދުލިއްﷲ. ތިކޮޅަށް ދެވިއްޖެކަން އެނގުނީމަ މިހާރު ހިތްހަމަޖެހިއްޖެ. މިވަގުތު ފޯނު ބޭއްވިޔަސް އަދި ނިދުމުގެ ކުރީން މަންމައަށް ގުޅާލައްޗޭ... އިތުމީނާ ގޭ މީހުންނަށް ސަލާމް ބުނާތި އިނގޭ." މަންމަ ބުންޏެވެ. އަހަރެން އާނއެކޭ ބުނެ ފޯނުކޯލު ކަނޑާލައިފީމެވެ.
"އާދެވުނުތޯ ބަލަން ދޯ އެ ގުޅީ." އަހަރެން ފޯނު ބޭއްވުމާއެކު އިތޫ އަހާލިއެވެ.
"ވިއްސާރަކަމުން. އެނގެއެއްނު މަންމަގެ ގޮތް. މެޓު އޮފީހުން ޔެލޯ އެލާޓް ނެރިއްޖެއޯ." އިތޫއާއި އޭނާގެ ފަހަރިއާއެކު ބަދިގެއަށް އައިސް އަހަރެން ވަނީމެވެ. އެއީ ގޭތެރެއިން ވަދެވޭގޮތަށް ހުރި މި ޒަމާނުގެ ބަދިގެއެކެވެ. ތަފާތަކީ މާލެއިން އާންމުކޮށް ފެންނަ ބަދިގެތަކާއި އަޅާބަލާއިރު ޖާގައިގެ ތަނަވަސްކަން ބޮޑުކަމެވެ.
"ދަތުރުތައް މިވަގުތު ނުކުރަން މިރޭގެ ޚަބަރުގައި ގޮވި." ސީރަތު ވާހަކަދެއްކިއެވެ.
"މަންމަ ސަލާމްބުނި އެންމެންނަށް." އަހަރެން ބުނެލީމެވެ. އެއާއެކު ސީރަތު ސަލާމް ބަލައިގަތެވެ. އަދި އަހަރެމެން ކައިރީ ކާމޭޒުދޮށުގައި އިށީންނަން ބުންޏެވެ. އަހަރެމެން ވަންއިރު ވެސް ކާމޭޒުމަތި ހުރީ ތަށިތައް އަތުރާ ކާން ތައްޔާރުކޮށްފައެވެ.
"އާނަ އުލާއި ސަމްސާ ބޭނުންތަ؟. އިތޫ ކާއިރު ސައިބޯނެ. އާނަ ބޭނުންތަ ސައިތަށްޓެއް." ސީރަތު އަހާލިއެވެ.
"އާނަ މާލެ ކުއްޖެއްވީމަތަ ތިހެން ތިއަހަނީ. އޭނާ ވެސް ކަނީ އަހަރެމެން ގޮތަށް. އެކަމަކު އޮޅިގެން ވެސް ކަޅުސަޔެއް ނުބޯނެ. އޭނާގެ ދޮންކަން ގެއްލިދާނެތީ. އަހަރެމެން ކަހަލަ ކުލަ ފަނޑުވެފަ ތިބޭ މީހުން ބޯން ހުރި އެއްޗެއް ދޯ އާނަ." ހީނގަންނަމުން އިތޫ ވާހަކަދެއްކިއެވެ. އަހަރެން ވެސް ކުޑަކޮށް ހިނިތުންވެލަމުން ބޯޖަހާލީމެވެ. އެކަމަކު އެއީ އަހަރެން ކަޅުސައި ނުބޯ ސަބަބެއް ނޫނެވެ.
އަހަންނާއި އިތޫ ދެ އަތް ދޮވެގެން ކާމޭޒުދޮށުގައި އައިސް އިށީންނަންވީއިރު ވާހިދު ދޮންބެ އައިސް ބަދިގެއަށް ވަނެވެ. އޭނާ ވެސް އައިސް އަހަރެމެންނާއެކީ ކާމޭޒުދޮށުގައި އިށީނީއެވެ.
"ބައްޕަ ގުޅި. ދެ ދުވަހެއް ވަރު ވާނޭ ބުނީ. ކުޑަބެއާއެކީ މިކޮޅަށް އަންނަ ވާހަކަދެއްކީ. އިތޫ އަންނާތީ މިކޮޅުގައި ހުންނަން ވަރަށް ބޭނުންވެފައި ހުރީ." ވާހިދު ދޮންބެ ވާހަކަދެއްކިއެވެ.
އިރުކޮޅަކަށް އަހަރެން ބާކީ ވިއެވެ. އިތޫއާއި އޭނާގެ ޢާއިލާ އެބައްދަލުވީ އެއް އަހަރު ފަހުންނެވެ. އެހެންނޫނީ ކޮންމެ އަހަރަކު ވެސް އޭނާ ޗުއްޓީއަށް ރަށަށް ދެއެވެ. އެހެންވެ އެމީހުންގެ މެދުގައި ދައްކާނެ ވާހަކަ އޮންނާނެތާއެވެ. އަހަރެން ސުފުރާމައްޗަށް ސަމާލުކަން ދިނީމެވެ. ބަތާއި ރޮށި ހުއްޓެވެ. ގަރުދިޔަ ބޯތަށްޓަކާއި ލުބޮޔާއި ފިޔާ މިރުސް ވަތުތަށްޓެއްގައި ހުއްޓެވެ. ތެތްލިފަތުގެ އިތުރުން ކެރެޓާއި ކިއުކަމްބަރ ކޮށާފައި ހުއްޓެވެ. ނުވިތާކަށް ތެތްލާފައި ހުރި ރެހި ހުއްޓެވެ. ތަށިތައް ފެނި ކުއްލިއަކަށް މާބޮޑަށް ބަނޑުހައިވެއްޖެއެވެ. ރޭގަނޑު ލަސްވެފައި ހުއްޓެއްކަމަކު ނިކަން ގަދައަށް ކާލަން އަހަރެންގެ ހިތުގައި އޮތެވެ. އެހެންވެ ތަށްޓަށް ބަތާއެކު ދެން ހުރި ކޮންމެ ވައްތަރަކުން އެތިކޮޅެއްލައި ރަނގަޅަށް މޮޑެލައި ކާންފެށީމެވެ.
"ވަރަށް ދެރަކޮށް ދިމާވީ." ކަމުންދިޔައިރު ކުއްލިއަކަށް ވާހިދު ދޮންބެ އަހަންނަށް ބަލާލައި އެބުނި އެއްޗަކަށް އަހަރެންގެ ކަންފަތް ސަމާލުވެލިއެވެ. އަނގަޔަށްލީ ބަތް ސުވާ ނިކަން އަވަހަށް ދިރުވާ ވެސް ލެވިއްޖެއެވެ. ދެން ކައިރީ އިން އިތޫއަށް އަހަރެން ބަލާލީމެވެ.
"ނާހިދާ ދައްތަމެންގެ ބެލިންތަ." އިތޫ އަހާލިއެވެ.
"ދޮންބެއަށް އިތުބާރު ކުރެވޭ ހުރިހާ ގެއެއް ބެލިއްޖެ. ނާހިދާމެންގޭ ދެ ކޮޓަރި ވެސް ހުރީ މިވަގުތު ނަގާފައި." ވާހިދު ދޮންބެ ބުންޏެވެ.
އަހަންނަށް ރެއަކާލީ ދެނެވެ. އެ މީހުން އެ ދައްކަނީ އަހަރެން ހުންނާނޭ ތަނެއް ހަމަނުޖެހުނު ވާހަކަކަން ޔަގީނެވެ. ކުޑަކޮށް ހާސްވިއެވެ. އެކަމަކު އިތޫމެންގެ ރަށަކީ ޓޫރިޒަމްގެ ކަންކަން ނުހަނު ބޮޑަށް ކުރިޔަށްދާ ރަށެވެ. ގެސްޓްހައުސްތައް ގިނަ ރަށެވެ. ކޮންމެވެސް ތަނަކުން ހުސްކޮޓަރިއެއް ނުލިބި ހިނގައިދާނެބާއެވެ. ވަރަށް ސުވާލު އުފެދުނެވެ.
"ކޮންމެހެން ގެއަކުން ނުހޯދިޔަސް. ގެސްޓްހައުސްއަކުން ލިބުނަސް އޯކޭ." އަހަރެން ބުނީމެވެ.
"ވާހިދު. އެ ގެސްޓްހައުސް ނޫން ތަނެއް." ކުއްލިއަކަށް ސީރަތު މިހެން ބުނެލިއިރު އެ އަޑުގައިވީ އެހެންކަހަލަގެ ސީރިއަސްކަމެކެވެ.
"ކޮންތަނެއް؟." އިތޫ ވެސް ސުވާލު އުފެދުނެވެ.
"އޯޝަން ޕެރެޑައިސް." ސީރަތު ބުނެލީ ނިކަން އަވަހަށެވެ.
"އެއީ އަނެއްކޮޅު ދޯ. އަލިފާން ރޯވީ އެ ގެސްޓްހައުސްގައެއްނު. މިހާރު ހުޅުވީތަ." އިތޫއަށް އަހާލެވުނެވެ.
"ދުރުވެފައި. އެހިސާބުގައި އަދިވެސް އެހާ މީހުންނެއް ނޫޅޭ. އަނެއްކާ މިދިޔަ އަހަރު..." ސީރަތު ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. ވާހިދު ދޮންބެ ކޮށްލި އިޝާރާތަކުންނެވެ.
ވަކި ގެސްޓްހައުސްއެއް ކަމުނުދާންޖެހޭ ސަބަބެއް އޮންނާނެތާއޭ އަހަރެންގެ ޟަމީރު ވެސް ބުނެއެވެ. އަދި ވާހިދު ދޮންބެ އެ ވާހަކަ ކުރިޔަށް ނުގެންދަން ސީރަތު ކައިރީ ބުނަންވީ ކީއްވެބާއޭ ސުވާލު އުފެދުނެވެ. އަހަރެން ހުންނަންޖެހޭ ތަން އިތޫމެން ގެއާ ދުރުވުމަކީ އަހަރެންނަށް މައްސަލައެއްނޫނެވެ. އަހަންނަށް ރަނގަޅީ ވެސް ރަށުގެ މީހުން މަދު ހިސާބެކެވެ. އަހަރެން މިއައީ މި ރަށުން ރައްޓެހިންތަކެއް ހޯދާކަށް ނޫނިއްޔާއެވެ. ހަމަހިމޭން ވެށްޓެއްގައި އަމިއްލަ ނަފްސާއެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. އަދި ސަމުގާ ގެއްލިފައިވި ދިރިއުޅުމުގެ ކޮންޓްރޯލު އަނބުރާ ހޯދާށެވެ. އަހަރެން ފިލަން މިދުވާ މީހުންނާ އެނބުރި ގޮސް ކުރިމަތިލެވޭނެހާ ހިތްވަރު ހޯދުމަށެވެ.
* * * * *
ފިނި ރެއެއްކަމަކު އަހަރެން ނިދަން އޮށޯތުމުގެ ކުރީން ފެންވަރާލީމެވެ. ކަނޑުމަތީގައި އުޅެފައި އައީމައާއެކީއެވެ. މިރޭ އަހަރެންގެ ނިދުމުގެ ކަންތައް ހަމަޖެހިފައި ހުރީ އިތޫއާއެކީ އޭނާގެ ކޮޓަރީގައެވެ. އެ ކޮޓަރިން ފެންނަނީ ފެހިކުލައާއި ހުދުކުލައެވެ. ހުރިހާ ދިމާލަކުން ފެންނަނީ އާކަމެވެ. އިތޫގެ ކޮޓަރީގައި އޮންނަންވީމަ އަހަރެން ކުޑަކޮށް "ގިލްޓީ" ވިއެވެ. އެ ކޮޓަރި ތައްޔާރުކޮށްފައި އެވަނީ އޭނާއާއި ޒަފަރުގެ ކައިވެންޏަށްކަން އެނގޭތީއެވެ. އެހެންވިޔަސް ކުރެވެމުންދިޔަ ކުށުގެ އިޙްސާސްތަކަށް ކުރެވޭނެ ކަމެއްނެތެވެ. އަހަރެން އޮށޯތުމުގެ ކުރީން މަންމައަށް ގުޅާލީމެވެ. ނިދުމުގެ ކުރީން ގުޅާށޭ ބުނެފައި އޮތީމައެވެ.
އަހަރެން ކޮޓަރިއަށް ވައްދާފައި ދިޔަ ގޮތަށް އިތޫ އެނބުރި އައީ އަހަރެން މަންމައަށް ގުޅައިގެން ހުއްޓައެވެ. އޭނާގެ މޫނުގައިވި އަސަރުތައް އަހަންނަށް ވަގުތުން ފާހަގަވެއްޖެއެވެ. މަންމަ ވާހަކަދައްކަމުން ދާތީ ކުއްލިއަކަށް ފޯނު ކަނޑާލެވޭކަށް ނެތެވެ. ނަމަވެސް އިތޫއަށް ވީގޮތެއް އެނގެން އަހަރެން ނުހަނު ބޮޑަށް ބޭނުންވީއެވެ. އަނެއްކާ އަހަންނާ ހެދި އޭނާގެ ރޭވުންތަކަށް ބުރުލެއް އަރާކަށް ނޭދެމެވެ. އަހަރެންގެ ސަބަބުން އޭނާއަށް ދަތިކަމެއް ލިބިއްޖެނަމަ އަހަރެން މާބޮޑަށް ދެރަވާނެއެވެ.
"ކިހިނެއްވީ؟. ކޮންތާކަށް ދިޔައީ." ފޯނުކޯލު ނިމުނު ގޮތަށް އަހަރެން ސުވާލު ކުރީމެވެ.
"ފެންވެރީތަ؟. ހީޓަރެއް ވެސް ނެތިސް. ރޯގާ ޖެހިއްޖެއްޔާޔޯ." އިތޫ ބުންޏެވެ. އެނދުގެ ފައިލާކޮޅުގައި އިން އިތޫގެ ކުރިމައްޗަށް އަހަރެން އައިސް ހުއްޓިލީމެވެ.
"އިތޫ. އަހަންނަށް އޯކޭ ކިތަންމެ ދުރުންވިޔަސް. ކޮންމެ ގެސްޓްހައުސްއަކުން ވިޔަސް އޯކޭ. އަހަރެން އެކަނި ހުންނަންވިޔަސް މައްސަލައެއްނެތް. ލިބުނު ތަނަކަށް މާދަމާ ބަދަލުވާން އަހަރެން ބޭނުން. އެކަނިވެލަން އަހަރެން ވަރަށް ބޮޑަށް ބޭނުން." އިތޫ ނުބުނަން އުޅެނީއޭ ހީވާތީވެ އަހަރެންގެ ހިތު ލަފައަށް ވާހަކަދެއްކީމެވެ.
(ނުނިމޭ)