ދުނިޔެ

ޗައިނާގެ ޚާއްސަ ސަފީރަކު ޔުކްރޭނަށް ފޮނުއްވާނެ ކަަމަށް ޝީ ވިދާޅުވެއްޖެ

ޗައިނާގެ ޚާއްސަ ސަފީރަކު ޔުކްރޭނަށް ފޮނުއްވާނެ ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ މިހެން ވިދާޅުވީ -- ރަޝިއާ-ޔުކްރޭން ހަނުގުރާމަ ފެބްރުއަރީ 24، 2022 ގައި ފެށިފަހުން -- ފުތަމަ ފަހަރަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުންނެވެ.

ޗައިނާ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވާ ޗަނިންގް ވިދާޅުވި ގޮތުގައި ޒެލެންސްކީއަށް ގުޅުއްވައި ޝީ ދެއްކެވި ވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމުގެ މައްޗަށެވެ.

އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރުކުރުމާއި އިހުތިރާމް ކުރުމަކީ ކޮންމެ ގުޅުމެއްގެ އަސާސް ކަމަށް ޝީ ވިދާޅުވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ހަނގުރާމައަށް ޗައިނާ ލޯތްބެއް ނުކުރާނެ އެވެ. ސުލްހައިގެ ކިތަންމެ މަދު މިންވަރެއް އެއްވެސް ދިމާއެއްގައި އޮތް ނަމަ ޗައިނާ އޮންނާނީ އެ ދިމާއެއްގައި ކަމަށް ޒެލެންސްކީއަށް ޝީ ދެންނެވި އެވެ.

ބެއިޖިން ސާބިތުވެ އޮންނާނީ ގައުމުތައް ސުލްހަކުރުމުގައި ކަމަށްވެސް ޝީ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ފެށުމުގައި ޗައިނާ އަކީ ބައިވެރިއެއް ނޫން ކަމަށް ޝީ ވިދާޅުވި އެވެ. އަދި އެ ހަނގުރާމާގައި އެއްވެސް ގޮތަކުން ބައިވެރިވެ ހިއްސާނުވާ ކަމަށްވެސް ޒެލެންސްކީއަށް ދެންނެވި އެވެ.

އދގެ ސަލާމަތާ ބެހޭ ކައުންސިލްގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން ޗައިނާ ދެއަތް އުރާލައިގެން ނޯންނާނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ. އަދި ޗައިނާއަށް އޮތް މަންފާއަކަށްޓަކައި ހަމަނުޖެހުންތަކުގައި ދަރުޖައްސާ ގައުމަކަށް ޗައިނާ ނުވާނެ ކަމަށްވެސް ޝީ ވިދާޅުވި އެވެ.

ހަމަނުޖެހުންތަކަށް އޮތް ދެމެހެއްޓެނިވި ހައްލަކީ މަޝްވަރާ ކަމަށް ވިދާޅުވެ ޝީ ވިދާޅުވީ ޗައިނާގެ ސަފީރަކު ޔުކްރޭނަށް ފޮނުއްވާނެ ކަމަށާއި މަސްލަހަތު އޮތް ގައުމުތަކުގެ މެދުގައި މަޝްވަރާތައް ފަށަންވެއްޖެ ކަމަށެވެ.

ޔުކްރޭން ހަނގުރާމާގައި މަސްލަހަތު އޮތް ގައުމެއްނަމަ މަޝްވަރާ މޭޒުދޮށަށް އައުމަށް ޝީ ގޮވާލެއްވި އެވެ. އިޚްލާސްތެރި ކަމެއް އޮތް ނަމަ މަޝްވަރާތައް ލަސްނުކުރުމަށްވެސް ޝީ އެދިވަޑައިގެންނެވި އެވެ.