ރައީސް އަބްދުﷲ ޔާމީން

ފުއްގިރި މައްސަލަ: ޝަރީއަތް ފަސްވެއްޖެ

ހިޔާނާތްތަކެއްގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އޮތް މައްސަލައަކާ ގުޅިގެން ދަށު ކޯޓުގައި ފުއްގިރީގެ ޝަރީއަތް ފެށުން ފަސްވެއްޖެ އެވެ.

ފުއްގިރި މައްސލަައިގައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނާ ދެކޮޅު ހެކިތައް ބަލައިގަތުމަށް ދަށުން ކޯޓުން ނިންމި ނިންމުން ބަދަލުކުރުމަށާއި ދައުލަތުގެ ހެކި ރައްކާތެރިކުރުމަށް ނެރުނު އަމުރު ބާތިލްކުރުމަށެވެ. ކްރިމިނަލް ކޯޓުގެ މި ނިންމުންތަކަށް ހައިކޯޓުން ތާއީދުކޮށްފައިވެ އެވެ.

ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައާއި ގުޅިގެން ޝަރީއަތް ފަސްކުރަން ޔާމީންގެ ވަކީލުން މިއަދު އެދިވަޑައިގެންނެވި އެވެ. ދައުލަތުންވެސް އެކަމާ ދެކޮޅު ހަދާފައެއް ނުވެ އެވެ. އެކަމަކު މައްސަލަ ގާޒީ އަލީ ނަދީމް ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް އަސަރުކުރާނެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީއާއި ރައީސް ޔާމީން އިސްތިއުނާފް ކޮށްފައި ހުރި ބައެއް މައްސަލަތަކަށް މާގިނަ ވަގުތު ދޭން ޖެހުމާ ގުޅިގެން ދަށު ކޯޓުގައި އޮތް މައްސަލައަށް ތައްޔާރުވާން ވެސް ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ ރައީސް ޔާމީންގެ މައްސަލަ އަވަސްކޮށްލައިގެން ކުރިއަށް ނުގެންދިއުމަށްވެސް ވަކީލުން އެދިވަޑައިގަތެވެ.

ގާޒީ ނަދީމު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މައްސަލައިގެ ހަސްމުން ޝަރީއަތުގައި އިއްވާ އިފްތިތާހީ ބަޔާނުގެ ބައި އެހެން ދުވަހަކުން އިއްވުމަށް ތާވަލްކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން މިއަދު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ލައިވްކުރަން އެދޭ ކަމަށާއި ދައުލަތުގެ ހެކީގައި ބުރަދަނެއް ނެތް ކަން އޭރުން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަބުުރުކަތިލުން ނޫން ކަމެއް ދައުލަތުން ނުކުރާ ކަމުގައިވެސް ވިދާޅުވި އެވެ.

މައްސަލައިގެ ހުލާސާ

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައި އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ. މިމައްސަލަ ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެއްވޭނެ އެވެ.