ޔުކްރޭން ހަނގުރާމާގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި ހަނގުރާމައެއްގައި ރަނގަޅު ބަޔަކު ނޯންނަ ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ ވިދާޅުވެއްޖެ އެވެ.
ލޫލާ ވިދާޅުވި ގޮތުގައި ގޯސްހަދާ ބަޔަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކެވެ.
ޔުކްރޭން ހަނގުރާމަ ނިންމަން ހިފާއިރު އެންމެ ފުރަތަމަ މަރުހަލާ އަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުން ކަމާށައި ދެވަނަ ފިޔަވަހީގައި މަޝްވަރާ މޭޒުދޮށަށް ޖަމާވާނީ ކަމަށްވެސް ލޫލާ ވިދާޅުވި އެވެ.
ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ އެކު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޫލާ ވިދާޅުވީ ޔުކްރޭންގެ ސަބަބުން ރަޝިއާގެ އިސްތިގުލާލަށް ވަނީ ބުރޫއަރާފަ އެވެ. އަދި އެއީ އެއްވެސް ބަޔަކު ދެކޮޅުހަދާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ފެށުމުގެ އަސްލަކީ ވެސް ޔުކްރޭން އިޚްތިޔާރުކުރި ސިޔާސަތު ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.
ލޫލާ ވިދާޅުވި ގޮތުގައި ހަނގުރާމާގައި ޝާމިލްވާ ގައުމުތަކަށް އޭނާ ދެއްވާނެ ނަސޭހަތަކީ ހަނގުރާމަ ހުއްޓާލުމެވެ. އެވެނި މިވެނި ބަޔަކު ރަނގަޅު ކަމަށް ވިދާޅުނުވާނެ ކަމަށާއި ހަނގުރާމައެއްގައި ވަކި ބަޔަކަށް ތާއީދުކުރުމަކީ މަސްލަހަތެއް ނޫން ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވަން އެކަކު ވެސް ބޭނުން ނުވާ ކަމަށް ލޫލާ ވިދާޅުވި އެވެ. ހަނގުރާމަ ހަމަ މިހާރު ހުއްޓާލާށޭ ވިދާޅުވާ ހަމައެކި ލީޑަރަކީ އޭނާ ކަމަށް ވެސް ބްރެޒިލްގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
ލޫލާ މިހެން ވިދާޅުވި ނަމަވެސް ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ޗައިނާ އާއި އިންޑިއާ އިން ވެސް ވަނީ ގޮވާލާފަ އެވެ. އަދި ޗައިނާއިން ވަނީ ސުލްހައިގެ ކަރުދާހެއް ވެސް ހުށަހަޅާފަ އެވެ.