ފިނިޕޭޖް

ގަމޯރާގެ ރޯލު ކުޅުން ނިމުނީ: ޒޯއީ ސަލްޑާނާ

ވޯލްޓް ޑިޒްނީގެ މާވެލް ސްޓޫޑިއޯގެ "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" މިއަދު ބައެއް ހިސާބުތަކުގައި ރިލީޒްކުރާނެ އެވެ.

މާވެލް އާއި "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ފޭނުން މި ފިލްމް ބެލުމަށް ކެތްމަދުވެފައިވާއިރު، މާވެލް ސިނަމެޓިކް ޔުނިވާސްގައި ގަމޯރާގެ ރޯލު އަދާކުރަމުންދާ ޒޯއީ ޒަލްޑާނާ ދެން އެ ރޯލު ނުކުޅޭނެ ކަމަށް ބުނެފި އެވެ.

ދަ ހޮލީވުޑް ރިޕޯޓާއަށް "ގާޑިއަންސް އޮފް ދި ގެލެކްސީ"ގެ ޑައިރެކްޓާ ޖޭމްސް ގަންއާ އެ ފިލްމް ސީރީޒްއާ ބެހޭގޮތުން ވާހަކަދައްކަމުން ޒޮއީ ބުނީ އޭނާ ހީކުރީ ގަމޯރާގެ ކެރެކްޓާ ކުޅެންޖެހޭނީ 2014 ގައި ނެރުނު ގާޑިއަންސްގެ އޮރިޖިނަލް ފިލްމުގައި އެކަނި ކަމަށެވެ. އެހެންނަމަވެސް މިއީ އޭނާއަށް ގަމޯރާގެ ނިމުން ކަމުގައި ޒޯއީ ބުންޏެވެ.

ދަ ހޮލީވުޑް ރިޕޯޓާގެ އާޓިކަލްގައި 2018 ގައި ޖޭމްސް ގަން "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3"ގެ ޑައިރެކްޓަރު ކަމުން ވަކިކުރުމާ ގުޅިގެން، ޒޯއީ އާއި ކޯސްޓާރުން -- ކްރިސް ޕްރެޓް، ކެރެން ޖިލަން، ޑޭވް ބޯޓިސްޓާ އާއި އެހެން އެކްޓަރުން ޖޭމްސްގެ ގެއަށްގޮސް ޝުކުރުއަދާކޮށް، ހިތްވަރުދީ އެއްބާރުލުން ދިން ވާހަކަ ގެނެސްދީފައިވެ އެވެ.

ޓްވިޓާގައި އެކްޓިވްކޮށް އުޅޭ ޖޭމްސް، މާވެލްއިން ވަކިކުރީ ޖޭމްސްގެ މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު ޓްވީޓްތަކަކާ ގުޅިގެންނެވެ. އަދި ކްރިސް ޕްރެޓް އާއި ޒޯއީ އަދި އެހެން ކާސްޓް މެންބަރުންގެ މަސައްކަތުން ޖޭމްސް ވަނީ 2019 ގައި އަލުން އެ ފިލްމްގެ ޑައިރެކްޓަރަކަށް ހަދާފަ އެވެ. އަދި ޖޭމްސް އަކީ ޕީޓާ ސަފްރަން އާއެކު ޑީސީ ސްޓޫޑިއޯގެ ސީއީއޯ އެވެ.

ޒޯއީ ބުނީ "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ ވޮލިއުމް 3" އަށް ފަހު ގަމޯރާގެ ކެރެކްޓާއަށް ވާނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށެވެ. މި ފިލްމް ކުޅެ، އެ ރޯލަށް ފޮނި އަލްވަދާއު ކިޔަން ލިބި، ރަނގަޅު ކޯސްޓާރުންނާއެކު މަސައްކަތްކުރަން ލިބުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް ޒޯއީ ބުންޏެވެ.

ޒޯއީއާ އެއްފަދައިން "ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ" ފްރެންޗައިޒަށް ވާނެ ގޮތާމެދު މިހާރު ސުވާލު އުފެދެ އެވެ.