އެންޖެލީނާ ޖޯލީ އާއި ދަރިފުޅު މެޑޮކްސް ހާއްސަ މުނާސަބަތަކަށް ވައިޓް ހައުސްއަށް ގޮސްފި އެވެ.
ޖޮލީއާއި ދަރިފުޅު ވައިޓް ހައުސްއަށް ދިޔައީ އެމެރިކާ އާއި ދެކުނު ކޮރެއާގެ ގުޅުމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ސައުތު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލްގެ ދެކަނބަލުން ބޭއްވެވި ފަރިއްކޮޅެއްގައި ބައިވެރިވުމަށެވެ.
އެންޖެލީނާއާ ގާތް މީހަކު ބުނި ގޮތުގައި، އޭޝިއާ-އެމެރިކާގެ ގުޅުމަކީ އެންޖެލީނާގެ އާއިލާއަށް ވަރަށް މުހިއްމު ގުޅުމެއް ކަމަށާއި އެންޖެލީނާ އަދި ދަރިން ދެކުނު ކޮރެއާ އާއި ގާތް ގުޅުމެއް ބާއްވާ ކަމަށެވެ.
މެޑޮކްސް ކިޔެވީވެސް ދެކުނު ކޮރެއާގެ ޔޮންސޭ ޔުނިވާސިޓީންނެވެ. އަދި އެންޖެލީނާ ފިލްމު ކުޅުމަށާއި އޭނާގެ އިންސާނީ އެހީގެ މަސައްކަތްތަކުގައި ދެކުނު ކޮރެއާ އަށް އެތައް ފަހަރަކު ޒިޔާރަތްކޮށްފައިވެ އެވެ.
ވައިޓްހައުސްއިން ނެރުނު ބަޔާނުގައި އެމެރިކާ އާއި ދެކުނު ކޮރެއާގެ ގާތް ގުޅުމަކީ އެ ދެ ގައުމަށާއި އިންޑޯ-ޕެސިފިކް ސަރަހައްދަށާއި މުޅި ދުނިޔެއަށް ސުލްހަވެރިކަމާއި ހަރުދަނާކަމާއި ތަނަވަސްކަމާއި ކުރިއެރުން އަންނާނެ ގުޅުމެއް ކަމަށެވެ.
މި ފަރިއްކޮޅަށް ޗިޕް އަދި ޖޮއޭނާ ގެއިންސް އަދި އޮލިމްޕިކް ސްނޯ ބޯޑާ ކްލޮއީ ކިމްވެސް ދިޔަ އެވެ.