އެމެރިކާގެ ނިއު އޯލީންސްގެ ލުއިޒިއާނާގެ ދަރިވަރަކު އެ ގައުމުގެ 200 ވަރަކަށް ކޮލެޖް ޔުނިވަސިޓީއަށް އެޕްލިކޭޝަން ހުށަހެޅުމުން އެތަނުން 125 ކޮލެޖް ޔުނިވަސިޓީން އޭނާއަށް އެ ތަންތަނަށް ވަނުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޑެނިސް ބާންސް އަކީ ކޮލެޖުތަކަށް އެޕްލިކޭޝަން ފޮނުވި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ކޮލެޖުތަކަކަށް އެންމެ މަގުބޫލުވި ދަރިވަރު އެކަންޏެއް ނޫނެވެ. ބައެއް ކޮލެޖު ޔުނިވަސިޓީތަކުން އޭނާއަށް 9 މިލިއަން ޑޮލަރުގެ އަގުހުރި ސްކޮލަޝިޕްތައް ވެސް ވަނީ ހުށަހަޅާފަ އެވެ. މިއީ އެމެރިކާގެ ދަރިވަރަކަށް މިހާތަނަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ.
މިއީ އަޖައިބު އިއްތިފާގެއް ނޫނެވެ. ސްކޫލް އިމްތިހާނުތަކުން ބާންސް ވަނީ 4.98 ކިއުމިލެޓިވް އެވްރެޖް ހޯދާފަ އެވެ. މިއީ ވަރަށް ފުރިހަމަ ކާމިޔާބީއަކަށް ވުމާއެކު މިހާ މޮޅު ކުއްޖަކަށް ޖާގަ ދޭން ކޮލެޖްތަކުން ސްކޮލަޝިޕް ހުށަހެޅުމަކީ އަޖައިބު ކަމަކަށް ނުވެ އެވެ.
އެކުވެރިންނާއި އާއިލާގެ މީހުން ލޯބިން މަލީކްގެ ނަން ދީފައިވާ ބާންސް އަކީ އޭނާ ކިޔެވި ނިއު އޯލީންސްގެ އިންޓަނޭޝަނަލް ހައިސްކޫލްގެ ނެޝަނަލް އޮނާ ސޮސައިޓީގައި ވެސް ބައިވެރިވާ ދަރިވަރެކެވެ. އަދި ސްޕޭނު ބަހުން އޭނާ ވާހަކަ ދައްކާލެއް ފަރިތަކަމުން ސްޕޭނުން ވެސް އޭނާއަށް ރަސްމީ ސްޓޭމްޕެއް ދީފައިވެ އެވެ.
ކިޔެވުމަށް އާދަޔާޚިލާފަށް މޮޅުކަމުން ސްކޫލް ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ކުއްޖަކަށް ވެފައިވާ ބާންސް ކޮލެޖު ޔުނިވަސިޓީ އަށް ވަންނަން އެޕްލިކޭޝަން ހުށަހެޅިއިރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ގްރޭޑް 10 އާއި 11 އަށް އޭނާ އުމުރު ހަގުކޮށް ޕްރޮމޯޓްވެފައިވާތީ އަވަހަށް ސްކޫލް ދައުރު ނިންމާލަން ފުރުސަތު ލިބުނީ އެވެ.
އޭނާއާއެކު ކިޔަވާ އެކުވެރިންނަށް ވުރެ މާ ހަގު ބާންސް ސްކޫލް ނިންމުމަށްފަހު މިދިޔަ އަހަރު ނިއު އޯލީންސްގެ ސަދާން ޔުނިވަސިޓީގައި ކިޔަވާފައި ވެއެވެ. ހައި ސްކޫލް ޑިޕްލޮމާއެއް ފުރިހަމަ ކުރަމުން އިތުރު ކްރެޑިޓް ޕޮއިންޓްސް ހޯދުމަށެވެ.
އެމެރިކާގެ 125 ކޮލެޖް ޔުނިވަސިޓީއަށް ވަނުމުގެ ފުރުސަތު ބާންސް އަށް ލިބިފައިވިޔަސް އޭނާ އަދި ދާނެ ކޮލެޖެއް ނުނިންމަ އެވެ. އޭނާގެ މޮޅުކަމުން އޭނާގެ ފޭނުންނަށް ވެފައިވާ މީހުންނަށް ބާންސް ބުނީ އޭނާގެ ނިންމުން އަންނަ މޭ މަހުގެ ދެވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.
އަދިވެސް ބާންސް އަށް ޔުނިވަސިޓީތަކުން ފުރުސަތުތައް އޮހެމުންދާއިރު މި މަހުގެ ނިޔަލަށް އޭނާގެ ސްކޮލަޝިޕްގެ އަގު 10 މިލިއަން ޑޮލަރަށް އަރަން ބާންސް ބޭނުންވެ އެވެ.
އޭނާގެ ކޮލެޖު ޑިގްރީގެ ކިޔެވުން ބާންސް ފަށާނީ މޭ 24 ވަނަ ދުވަހު ހައި ސްކޫލު ތައުލީމު ފުރިހަމަ ކުރުމަށްފަހުގަ އެވެ.
އެއްފަހަރާ ދެ އަންޑަގްރެޖުއޭޓް ޑިގްރީއަކަށް ކިޔަވަން ބާންސް ބޭނުންވެ އެވެ. ކޮމްޕިއުޓަ ސައިންސްގެ ރޮނގުންނާއި ކްރިމިނަލް ޖަސްޓިސްގެ ރޮނގުންނެވެ.
މީގެ ކުރިން އެންމެ ގިނަ ކޮލެޖުތަކުން ފުރުސަތު ލިބުނު ދަރިވަރުގެ ރެކޯޑް އޮތީ ލަފަޔެޓް ހައި ސްކޫލްގައި ކިޔެވި ދަރިވަރު ނޯމަންޑީ ކޯމިއާ އަށެވެ. ކޯމިއާ އަށް 2019 ގައި ވަރަށް ގިނަ ކޮލެޖް ޔުނިވަސިޓީ ތަކުން 8.7 މިލިއަން ޑޮލަރުގެ އަގުހުރި ސްކޮލަޝިޕްތައް ލިބުނެވެ.